އިންޑިއާގެ ލަވްލީ ޕްރޮފެޝަނަލް ޔުނިވާސިޓީން ރާއްޖެއަށް 30 ސްކޮލާޝިޕް ހަދިޔާ ކޮށްފި އެވެ.

އެ ޔުނިވާސިޓީގެ އެސިސްޓެން ޑިރެކްޓާ ޖެނެރަލް ނިޓޭޝް މަހަޖަން މިއަދު ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ހަސަން އިބްރާހިމް އާ ބައްދަލު ކުރައްވާފައެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި ދެ ބޭފުޅުންގެ މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ކިޔަވާކުދިންނަށް އެ ޔުނިވާސިޓީން މިއަހަރު ހަދިޔާ ކުރި 30 ސްކޮލާޝިޕް މިނިސްޓަރާ ހަވާލުކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި 100 ޕަސަންޓް ޓިއުޝަން ފީ ހިލޭ، ފަސް ސްކޮލާޝިޕާއި އަދި 25 ޕަރޝަލް ސްކޮލާޝިޕް ހިމެނޭ ކަމަސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އެ ޔުނިވާސިޓީން މިއަހަރަށް 30 ސްކޮލާޝިޕް ހަދިޔާކޮށްފައިވާ އިރު، މިހާރުވެސް ރާއްޖެ އަށް ލިބިފައިވާ ފުރުސަތުތަކުގެ ތެރެއިން 12 ދިވެހި ދަރިވަރުން ދަނީ އެ ޔުނިވާސިޓީގައި ތައުލީމް ހާސިލް ކުރަމުންނެވެ.

ތިރީސް ހާހަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލް ކުރަމުންދާ ލަވްލީ ޕްރޮފެޝަނަލް ޔުނިވާސިޓީ އަކީ އިންޑިޔާ ގެ އެންމެ ބޮޑު ސިންގަލް ކެމްޕަސް ޔުނިވާސިޓީއެވެ.އެ ޔުނިވާސިޓީގައި 4000 ހާހަށްވުރެ ގިނަ ފެކަލްޓީ ސްޓާފުން، 200 އަށްވުރެ ގިނަ ޕްރޮގުރާމްތަކުގައި ކިޔަ ވައިދެމުން ގެންދެއެވެ.