28 Feb 2019, 22:03
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ސަރުކާރުން އުފެއްދި އެސްއެމްއީ ބޭންކް ވިޔަފާރިކުރުމަށް، ފައިނޭންސިން ބިޒްނަސް ލައިސަންސް ދޫކޮށްފި އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިއަދު ބުނީ، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަށް ރާއްޖޭގައި، ފައިނޭންސިން ވިޔަފާރި ކުރުމަށް ބޭނުންވާ ފައިނޭންސިން ބިޒްނަސް ލައިސަންސް މިއަދު ދޫކޮށްފައިވާ ކަމަށެވެ.
ސަރުކާރުގެ 100 ޕަސަންޓް ހިއްސާވާ މި ކުންފުންޏަކީ ރާއްޖޭގެ ތިން ސިޓީއެއްގެ ފަސް ޕަސަންޓު ހިއްސާ ހިމެނެއެވެ. އެގޮތުން އެސްއެމްއީ ބޭންކްގައި މާލެ ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީ، މިއިން ކޮންމެ ސިޓީއެއްގެ ކައުންސިލަކަށް ފަސް ޕަސަންޓްގެ ހިއްސާވެއެވެ.
މިކުންފުނިން ވިޔަފާރި ފެށުމުން، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ބޭނުންވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ލިބުމަށް އިތުރަށް މަގުފަހިކޮށްދީ، އަދި މާލީ ދާއިރާގެ ވާދަވެރިކަން އިތުރު ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް މި އޮތޯރިޓީން ދެކެމެވެ.
ރާއްޖޭގެ ތިން ސީޓީއެއްގެ ހިއްސާ އޮންނަ ގޮތަށް އެސްއެމްއީ ބޭންކު އެކުލަވާލައި މިމަސް ތެރޭ ތެރޭގައި ލޯނު ދޭން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ޑިސެމްބަރު މަހު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ސޯލިހް މިމަހު ހަތް ވަނަ ދުވަހު ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ސަރުކާރުގެ ކުންފުނިތައް ނުވަދެ، އެކުންފުނިތަކަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ، އަދި ބޮޑެތި މަޝްރޫޢުތައް ހިންގާ ކުންފުނިތަކަކަށް ހެދުމަށް ކަމަށެވެ.