ރާއްޖޭގައި އެޑިއުކޭޝަން އެކްސްޕޯތައް ބާއްވަމުންދާއިރު، އެފަދަ ފެއާތަކަށްދާ ދަރިވަރުން ޒިންމާދާރުކަމާ އެކީ މައުލޫމާތު ހޯދުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ގޮވާލައްވައިފިއެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެޑިއުކޭޝަން އެކްސްޕޯ އިފްތިތާހުުކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ރައީސް ޞާލިޙުގެ ސަރުކާރުން ތައުލީމީ ރަނގަޅު ޖީލެއް އުފެެއްދުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށެވެ.

އެކަމުގައި ޕްރައިވެޓް ސެކްޓާއިން އަދާކުރާ ރޯލް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެޑިއުކޭޝަން އެކްސްޕޯ ފަދަ މައުރަޒުތަކުން ދަރިވަރުންނަށާއި ބެެލެނިވެރިންނަށް ރަނގަޅު ތެދު، މުހިންމު މައުލޫމާތުތަކެއް ލިބިގެން ދާނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

" ދަރިވަރުންނަށްވެސް ވަރަށް ބޮޑެތި ޒިންމާތަކެއް މިފަދަ މައުރަޒުތަކުން ލިބޭ މައުލޫމާތުތައް ގަބޫލުކުރުމުގައި ހުރޭ. ދަރިވަރުންނަށް ލިބޭ މައުލޫމާތުތަކަކީ ތެދު މައުލޫމާތުތަކެއްތޯ ކަށަވަރުކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި މަތީ ތައުލީމާއި ތަމްރީން ހޯދަން ހިޔާލުކުރާއިރު ދަރިވަރުންނަށް މި ހިޔާރުކުރެވެނީ އެންމެ ކަމުދާ އަދި ތިމާގެ ގައިގައި އެ ގާބިލްކަން ހުރެ އެންމެ ރަނގަޅަށް ފުރިހަމަކުރެވޭނެ ތަމްރީންތަކެއްތޯވެސް ކަށަވަރުކުރަން ޖެހޭ ކަމަށް ޑރ. އިބްރާހިމް ވިދާޅުވިއެވެ.

އަސަރީ ސާވިސަސް ޕްރިމިއާ އިވެންޓް މެނޭޖްމަންޓުން މިއަދު ފެށި އެ އެކްސްޕޯގައި 47 ފަރާތަކުން ބައިވެރިވާކަމަށް އެ ކުންފުނިން ބުންޏެވެ. އޭގެ ތެރޭގައި ގިނަ ކޮލެޖުތަކާއި ޔުނިވާސިޓީތައް ހިމެނެއެވެ.

އެ ފެއާއާ ގުޅޭގޮތުން އަސަރީގެ އިވެންޓް ޑައިރެކްޓަރު އައިޝަތު މުއީނާ ވިދާޅުވީ އެކްސްޕޯ މިއަދު ހަވީރު 6:00 އިން ރޭގަނޑު 10:00އަށް ކުރިއަށްދާނެ ކަމަށެވެ.

އަދި މާދަމާއާއި ހޮނިހިރު ދުވަހުވެސް އެކްސްޕޯ މެންދުރުފަހު 3:00 އިން ރޭގަނޑު 10:00 އަށް ކުރިއަށްދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.