28 Feb 2019, 19:52
އެންޓިކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރި މައްސަލަތަކެއްގެ ތަހުގީގު ރިޕޯޓު ލީކުވި މައްސަލައެއް އެ ކޮމިޝަނުން ބަލަން ފަށައިފި އެވެ.
އެ ކޮމިޝަނުގެ ތަހުގީގު ރިޕޯޓަކާ ހަވާލާދީ މިއަދު ބައެއް މީޑިއާ ތަކުން ވަނީ އާސަންދަ އާއި އެންސްޕާގެ އިސްވެރިންތަކަކާ ގުޅޭ ކޮރަޕްޝަންގެ މައުލޫމާތުތަކެއް އާންމުކޮށްފައެވެ.
އަދި އޭގެ އިތުރުން އާސަންދަ މެދުވެރިކޮށް ރާއްޖެ އިން ބޭރުން ހޯދާ ސިއްހީ ފަރުވާ އަށް ހޮސްޕިޓަލްތަކުން ބިލްކުރާ އަދަދަށް ވުރެ އެތައް ގުނަ އިތުރަށް ބައެއް ހޮސްޕިޓަލްތަކަށް ފައިސާ ދޫކޮށްފައިވާ ކަމަށް އޭސީސީ ތަހުގީގު ރިޕޯޓާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައެވެ.
އެކަމާ ގުޅިގެން އޭސީސީގެ ނައިބު ރައީސް މުއަވިއްޒު ރަޝީދު ވިދާޅުވީ އޭސީސީން އެ ކޮމިޝަނުގެ ތަހުގީގު ރިޕޯޓެއް އާންމު ނުކުރާނެ ކަމަށެވެ. އަދި އެ ކޮމިޝަނުގެ ތެރެއިން ތަހުގީގު ރިޕޯޓެއް ލީކުވެފައިވާ ނަމަ އެއީ ބޮޑު މައްސަލައެއް ކަމަށެވެ.
މުއައްވިޒު ވިދާޅުވީ، އޭސީސީގެ ތަހުގީގު ރިޕޯޓުގެ މައުލޫމާތު މީޑިއާތަކަށް ލިބުނު ގޮތް ތަހުގީގު ކުރައްވާނެ ކަމަށެވެ.
"އެ މައްސަލަ [ރިޕޯޓު ލީކުވި މައްސަލަ] އަޅުގަނޑުމެން ތަހުގީގު ކުރާނަން،" އޭސީސީގެ ރިޕޯޓު ލީކުވުމާ ގުޅިގެން މުއައްވިޒު ވިދާޅުވި އެވެ.
ލީކުވި ރިޕޯޓުގައި ވާ މައުލޫމަތަކީ ތެދު މައުލޫމާތުތޯ ސުވާލު ކުރުމުން މުއަައްވިޒު ވިދާޅުވީ، އެކަން އެނގޭނީ ރިޕޯޓު ބަލައިލުމުން ކަމަށެވެ.
އޭސީސީގެ ތަހުގީގު ރިޕޯޓާ ހަވާލާދީ މީޑިއާތަކުން މިއަދު ރިޕޯޓުކޮށްފައިވާ ގޮތުގައި، އާސަންދައާއި އެންސްޕާގެ ކުރީގެ އިސްވެރިންތަކެއްގެ އާއިލާ އަށް އުސޫލާ ޚިލާފަށް ދައުލަތުން ހޭދަކޮށްފައިވާ ކަމަށެވެ.
އަދި ރާއްޖެ އިން ލިބެން ހުންނަ ފަރުވާ އަށް ރާއްޖެ އިން ބޭރަށް ފަރުވާ ހޯދުމަށް އާސަންދައިން ހަރަދުކޮށްފައިވާ ކަމަށެވެ. އަދި ދައްކަން ޖެހޭ މިިންވަރަށް އިތުރަށް ބިލަށް ފައިސާ ދައްކާފައިވާ އޭސީސީގެ ތަހުގީގު ރިޕޯޓުން ފާހަގަކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.
އެގޮތުން، 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެޕްރީލް މަހާ ހަމައަށް 1.4 މިލިއަން ޑޮލަރު (21.5 މިލިއަން ރުފިޔާ) އާސަންދައިން އިންޑިއާގެ ހޮސްޕިޓަލުތަކަށް ދައްކަން ޖެހުނު ކަމަށެވެ. ނަމަވެސް އެ ބިލްތަކަށް އާސަންދަ އިން ދެއްކާފައިވާނީ 1،444،086 ޑޮލަރު (22.2 މިލިއަން ރުފިޔާ) އެވެ.