ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ދައުވާ ދައުލަތުން އުފުލާފައިވާ މަޝްހޫރު ގާރީ، ޑްރީމީލައިޓް ހުސައިން ތައުފީގު ޖިންސީ ގުނަވަން ދެއްކި ކަމަށް ބުނެ ފުލުހުންނަށް ބަޔާންދީފައިވާ ހަތަރު އަންހެނަކު ހެކިންގެ ގޮތުގައި ޝަރީއަތަށް ހުށަހަޅަން ކްރިމިނަލް ކޯޓްގެ ޝަރީއަތުގައި ދައުލަތުން މިއަދު އެދިއްޖެ އެވެ.

ނޫސްވެރިން ނުވައްދާ ހިނގާ، ޝަރީއަތުގެ މިއަދުގެ މަޖިލީހާ ބެހޭ ގޮތުން ސަންއަށް މައުލޫމާތު ކަށަވަރުވެފައިވާ ގޮތުގައި ތައުފީގުގު މައްޗަށް ތުހުމަތު ކުރާ ކުށް ސާބިތު ކުރުމަށް ހަތަރު އަންހެނަކު ފުލުހުންނަށް ދީފައިވާ ބަޔާންތަކެއް ދައުލަތުން ހުށަހެޅި އެވެ. ފުލުހުން ހުށަހެޅި ބަޔާންތަކުގައި 2004 ވަނަ އަހަރާއި 2007 އަހަރާ ދެމެދު އެކި ދުވަސް މަތިން ގާރީ ތައުފީގު އެ ހަތަރު އަންހެނުންނަށް ޖިންސީ ގުނަވަން ދައްކާފައިވާ ކަމަށާއި ތާރީހު ބުނެދޭން ނޭނގޭ ކަމަށް އެ އަންހެނުން ބުނެފައި ވެއެވެ.
އަދި ބުނެފައި ވަނީ އެކަން ކޮށްފައި ވަނީ ތައުފީގު ދިރިއުޅުއްވާގޭގެ ސިޑިއެއްގައި ކަމަށެވެ.

ދައުލަތުން އެ ބަޔާން ހުށަހެޅުއްވުމުން، ގާރީ ތައުފީގުގެ ދިފާއުގައި އޭނާގެ ވަކީލު ޝަހީމް އަހުމަދު ވެސް ވަނީ ހެކިތަކެއް ހުށަހަޅުއްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފަ އެވެ. ޝަރީއަތުގައި ޝަހީމް ވިދާޅުވީ ފުލުހުންނަށް ބަޔާން ދީފައިވާ ހަތަރު އަންހެނުންނަކީ ތައުފީގުގެ އަންހެނުން ދިރިއުޅޭ މ. ޑްރީމީ ބީޗުގައި ކުއްޔަށް އުޅުނު ބައެއް ކަމަށާއި ނަމަވެސް ކުލި ނުދައްކައިގެން ދައުވާ ކުރުމުން ސިވިލް ކޯޓްގެ ހުކުމާއެއް ގޮތަށް 2007 އަހަރު އެ އެގެއިން ބޭރުކޮށްފައިވާ ބައެއް ކަމަށެވެ. އަދި ފައިސާ ނުދީއޮތް މަސްތަކަށް 81050ރ. އެ ހަތަރު އަންހެނުން ތައުފީގަށް ދައްކަންޖެހޭ ކަމަށާއި މިހާތަނަށް ވެސް އެ ފައިސާ އަދާ ނުކުރާ ކަމަށް ވެސް ޝަރީއަތުގައި ޝަހީމް މިއަދު ވިދާޅުވި ކަމަށް ސަން އަށް ވަނީ ކަށަވަރުވެފަ އެވެ.

ކޯޓުގައި ޝަހީމް ވިދާޅުވި ކަމަށް ވަނީ ގާރީގެ މައްޗަށް ކުރާ ތުހުމަތުތަކަކީ އެ ހަތަރު އަންހެނުންގެ މައްޗަށް ފައިސާގެ ދަރަންޏެއް ސާބިތު ވުމުން، އޭގެ ބަދަލު ހިފުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށެވެ. އެކަން ސާބިތު ކޮށްދިނުމަށް ސިވިލް ކޯޓުންކޮށްފައިވާ ހުކުމް ޝަރީއަތަށް ހުށަހެޅުމަށް ވެސް ޝަހީމް އެދިވަޑައިގަތެވެ. މީގެ އިތުރުން ޝަރީއަތުގައި ގާރީގެ ވަކީލު ވިދާޅުވީ އެ ހަތަރު އަންހެނުންގެ ބައްޕަ މީހެއްގެ ގާތުގައި "ގާރީ ތައުފީގު މިފަހަރު ހޭއަރުވާލާނެ" ކަމަށް ބުނެފައިވާ ކަމަށާއި އެފަރާތްވެސް ހެއްކެއްގެ ގޮތުގައި ހުށަހަޅަން ބޭނުންވާ ކަމަށެވެ.

ވަކީލު އިޝާރާތް ކުރެއްވެވި ސިވިލް ކޯޓުގެ ދަރަނީގެ މައްސަލައިގެ ހުކުމުގެ ކޮޕީ ސަންއަށް ލިބިފައި ވެއެވެ. އެހުކުމުގައި ފައިސާ ދެއްކުމަށް އިޝާރާތްކޮށްފައި ވަނީ އެންމެ އަންހެނެއްގެ މައްޗަށެވެ.

ގާރީ ތައުފީގުގެ މައްޗަށް ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ދައުވާ އުފުލައި މިއަދު ޝަރީއަތް ފެށިއިރު އޭނާގެ މައްޗަށް އޮރިޔާން ކާޑު ގެންގުޅުނު ކަމުގެ ދައުވާ ވެސް ދައުލަތުން ވަނީ އުފުލާފަ އެވެ.