28 Feb 2019, 19:50
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެޑިއުކޭޝަން އެކްސްޕޯ "މޯލްޑިވްސް އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ 2019" މިއަދު ފަށައިފިއެވެ.
މިއަދު ހަވީރު ދަރުބާރުގޭގަައި ފެށި އެ އެކްސްޕޯ އިފްތިތާހްކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންއެވެ.
މޯލްޑިވްސް އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ
އަސަރީ ސާވިސާސް ޕްރިމިއާ އިވެންޓް މެނޭޖްމަންޓް އިން ފެށި އެ އެކްސްޕޯގައި 47 ފަރާތަކުން ބައިވެރިވާކަމަށް އެ ކުންފުނިން ބުންޏެވެ. އޭގެ ތެރޭގައި ގިނަ ކޮލެޖުތަކާއި ޔުނިވާސިޓީތައް ހިމެނެއެވެ.
އެ ފެއާއާ ގުޅޭގޮތުން އަސަރީގެ އިވެންޓް ޑައިރެކްޓަރު އައިޝަތު މުއީނާ ވިދާޅުވީ އެކްސްޕޯ މިއަދު ހަވީރު 6:00 އިން ރޭގަނޑު 10:00 އަށް ކުރިއަށްދާނެ ކަމަށެވެ.
އަދި މާދަމާއާއި ހޮނިހިރު ދުވަހުވެސް އެކްސްޕޯ މެންދުރުފަހު 3:00 އިން ރޭގަނޑު 10:00 އަށް ކުރިއަށްދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މޯލްޑިވްސް އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ
އެ އެކްސްޕޯގައި ފަސް ސެމިނާރެއް ހުކުރު އަދި ހޮނިހިރު ދުވަހު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މުއީނާ ވިދާޅުވީ އެ އެކްސްޕޯގައި ސްރިލަންކާ، މެލޭޝިއާ، ތައިލެންޑް ސުވިޒަލޭންޑް، ޖަރުމަނު ފަދަ ގައުމުތަކުގެ ޔުނިވާސިޓީތަކުން ބައިވެރިވާ ކަމަށާއި އަދި މުޅިއެކު 500 އެއްހާ ކޯސްތަކާ ބެހޭ މައުލޫމާތު ލިބިގެން ދާނެ ކަމަށެވެ.
އެ އެކްސްޕޯގައި ރާއްޖޭގެ ހަތް ކޮލެޖަކުންވެސް ބައިވެރިވެއެވެ.