އިސްލާމްއާބާދު (ފެބްރުއަރީ 28): ޕާކިސްތާނުން ވައްޓާލި އިންޑިއާގެ ފައިޓާ ޖެޓުގައި އިން ޕައިލެޓު މާދަމާ ދޫކޮށްލާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.

އިމްރާން ޚާން އެފަދައިން ވިދާޅުވީ އިންޑިއާ އާއި ޕާކިސްތާނުގެ މައްސަލަ އިތުރަށް ގޯސްވުން ހުއްޓުވަން ބޭނުންވާ ކަމަށް ވިދާޅުވެ މިއަދު ގާނޫނު ހަދާ މަޖިލީހުގައި ދެއްވި ތަގުރީރެއްގަ އެވެ.

"ސުލްހައިގެ އިޝާރާތެއްގެ ގޮތުން މާދަމާ (ޕައިލެޓް) ދޫކޮށްލާނަން،" ޙާން ވިދާޅުވި އެވެ.

ޕާކިސްތާނުން ހައްޔަރުކޮށްފައި ވަނީ އިންޑިއަން އެއާފޯސްގެ ވިންގް ކޮމާންޑާ، އަބީނަދާން ވަރުތަމާން އެވެ. އޭނާއަކީ އިއްޔެ ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަނުމުން އެގައުމުން ވައްޓާލި އިންޑިއާގެ ދެ ޖެޓުގެ ތެރެއިން އެއް ޖެޓުގައި އިން ޕައިލެޓު ކަމަށް ޕާކިސްތާނުން ބުންޏެވެ.

ޕާކިސްތާނުގެ ދައުލަތުގެ މީޑިއާއިން ދެއްކި ވީޑިއޯއެއްގައި ވަރުތަމާން ވަނީ އެގައުމުގެ އަސްކަރިއްޔާއިން އޭނާއާ މެދު އަމަލު ކުރަނީ ރަނގަޅަށް ކަމަށް ބުނެފަ އެވެ.

ޕާކިސްތާނުން އިންޑިއާގެ ޖެޓުތަކެއް އިއްޔެ ވައްޓާލީ، ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް ކައިރީ ހުރި ޖައިޝް މުހައްމަދުގެ ކޭމްޕުތަކަކަށް ހަމަލާދިން ކަމަށް އިންޑިއާ އިން މިދިޔަ އަންގާރަ ދުވަހު ބުނި ފަހުންނެވެ. އިންޑިއާއިން ބުނި ގޮތުގައި އެހަމަލާތަކުގައި ގިނަ އަދަދެއްގެ ޓެރަރިސްޓުން މަރުވި އެވެ. ނަމަވެސް ޕާކިސްތާނުން ބުނި ގޮތުގައި އިންޑިއާގެ ޖެޓުތައް އެގައުމުގެ ވައިގެ ސަރަހައްދަށް ވަދެ ދިން ހަމަލާ އަމާޒުވީ މީހުން ދިރިނޫޅޭ ސަރަހައްދަކަށެވެ. އަދި އެހަމަލާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެ އެވެ.

ޖައިޝް މުހައްމަދަކީ މިމަހުގެ 14ގައި، ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅީގައި ވަރުގަދަ ހަމަލާއެއްދީ އިންޑިއާގެ 40 އަށް ވުރެ ގިނަ ސިފައިން މަރާލި ޖަމާއަތެވެ.