ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަށް ސަރުކާރުން ހުޅުވާލުމާ ގުޅިގެން އެކަމުގެ މަސައްކަތް ފެށުމުގެ ގޮތުން ހިލޭ ކިޔަވައިދިނުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ ގިނަ ޕްރައިވެޓް އިންސްޓްޓިއުޝަންތަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަދީޖާ އާދަމް "ސަން" އަށް ވިދާޅުވީ ރާއްޖޭގެ އެންމެ އިންސްޓިޓިއުޝަނެއް ފިޔަވައި ހުރިހާ ފަރާތްތަކާއެކު އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެވިޑް، ސައިރިކްސް ކޮލެޖް ހިމެނެއެވެ.

ގިނަ ޕްރައިވެޓް އިންސްޓްޓިއުޝަންތަކާއެކު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ސޮއިކުރިއިރު، ސަރުކާރުގެ ދެ ޔުނިވާސިޓީގައި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވޭނެގޮތް ހަދައި އަދި ޕްރައިވެޓް ކޮލެޖުތަކުގެ ޑީގްރީގެ ކޯސްފީގެ ބޮޑުބައެއް ދައްކައިދޭގޮތަށް ވަނީ ނިންމައިފިއެވެ.

އެގޮތުން ޕްރައިވެޓް ކޮލެޖުތަކުންވެސް ރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ކޯސްތަކުގެވެސް ބޮޑު ބައެއް ސަރުކާރުން ދައްކާދޭނެ ކަަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ޕްރައިވެޓް ކޮލެޖުތަކުން ޓިއުޝަންފީ ކަވަރުކުރާ މިންވަރު:

  • 62 ކޯހަކުން - 100 ޕަސެންޓް ޓިއުޝަންފީ
  • 17 ކޯހަކުން - 80 -99 ޕަސެންޓް ޓިއުޝަންފީ
  • 32 ކޯހަކުން - 60 - 80 ޕަސެންޓް ޓިއުޝަންފީ
  • 41 ކޯހަކުން - 40 - 60 ޕަސެންޓް ޓިއުޝަންފީ

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ފުރަތަމަ ޑީގްރީއަށް ހިލޭ ކިޔެވުމުގެ ފުުރުސަތު ދޭނީ އެކަމަށްއެދި ދަރިވަރު ފޯމަކުން ހުށަހެޅުމުން ކަމަށެވެ. އަދި ދަރިވަރު ކިޔަވާ ކޮލެޖުންވެސް އެކަމަށް އެދި ލިޔުންތައް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަަމަަށްވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އަދި ބުނީ އެ ސްކީމްގެ ދަށުން ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބޭނީ އަލަށް ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް އެކަނި ކަމަށެވެ.