ދިވެހި ބޭހާއި ކޮމްޕްލިމެންޓަރީ މެޑިސިންއާ ބެހޭގޮތުން ލަފާދޭ ފަންނީ ކޮމެޓީއެއް އެކުލަވާލަން ސަރުކާރުން ނިންމައިފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ ކޮމެޓީއަކީ މޯލްޑިވްސް ބޯޑް އޮފް ކޮމްޕްލިމެންޓްރީ މެޑިސިން އުފެއްދޭންދެން ދިވެހި ބޭހާއި ކޮމްޕްލިމެންޓްރީ މެޑިސިންގެ ފަންނު އަދި ފަންނުވެރިން ރެގިއުލޭޓްކުރުމުގައި އެކައުންސިލަށް ލަފާދިނުމަށް އެކުލަވާލާ ވަގުތީ ކޮމެޓީއެއް ކަމަށެވެ.

އަދި އެ ކޮމެޓގައި ހިމަނަން ހަމަޖެހިފައިވަނީ ދިވެހިބޭސްވެރިންގެ ތެރެއިން 4 ފަރާތަކާއި ކޮމްޕްލިމެންޓްރީ ދާއިރާގެ ފަންނުވެރިންގެ ތެރެއިން 3 ފަރާތެއްކަމަށްވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.

އެގޮތުން ދިވެހި ބޭސްވެރިން އަދި ކޮމްޕްލިމެންޓްރީ މެޑިސިންގެ ބޭފުޅަކު ކޮމެޓީއަށް އައްޔަނުކުރާއިރު އޭނާއަކީ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތަކަށް ވާން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ދިވެހި ބޭސްވެރިކަން އާލާކޮށް ކުރިއެރުވުމަށާއި ބޭސްވެރިކަން ދަސްކޮށްދިނުމާ ފަރުވާ ދިނުމަށް ދިވެހި ބޭސްވެރިކަމުގެ އިންސްޓިޓިއުޓެއް ގާއިމު ގާއިމް ކުރުމަކީ އެމްޑީޕީގެ ޖަޒީރާ މެނިފެސްޓޯގައި ހިމެނޭ ރިޔާސީ ވައުދެއްވެސް މެއެވެ.

މޮޑާން މެޑިސިންގެ އިތުރުން، ދިވެހި ބޭހާއި އަދި ޗައިނީސް މެޑިސިންގެ ހިދުމަތް ދޭ ކްލިނިކްތައް ރާއްޖޭގައި ދަނީ ހިންގަމުންނެވެ. އަދި އޭގެ އިތުރުން ހިޖާމާ ޖަހައިދިނުމަށްވެސް ފަހަކަށް އައިސް ކްލިނިކްތައް ދަނީ ހިންގަމުންނެވެ.