ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ކަމުގެ މަގާމުން ޑރ. އަބްދުﷲ މައުސޫމު އިސްތިއުފާ ދެއްވައިފި އެވެ.

ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވަފައިވާ ސަފީރުގެ މަގާމުގައި ވެސް ހުންނެވި މައުސޫމު ޖޭޕީގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވާފައި ވަނީ އޭނާ ކުރެއްވި ޓްވީޓެއްގަ އެވެ.

ޓްވީޓްގައި މައުސޫމް ވިދާޅުވެފައި ވަނީ ރާއްޖޭން ބޭރުގައި ހުރެގެން ޕާޓީގެ ނައިބު ރައީސް ކަމުގެ މަސްއޫލިއްޔަތު އެންމެ އެދެވޭ ގޮތުގައި އަދާކުރަން ދަތިވާނެ ކަމަށެވެ.

"އަދި ކޯލިޝަން ސަރުކާރެއްގެ ސަފީރު ކަމުގެ މަގާމާ ހަވާލުވެ ހުންނަ މީހަކީ ކޯލިޝަނުގެ ވަކި ޕާޓީއެއްގެ އިސް މަގާމެއް އަދާކުރާ މީހެއް ނަމަ މަސްލަހަތު ފުށުއެރުމުގެ ފުރުސަތު އޮންނާނެ." މައުސޫމު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

މައުސޫމު ވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަދި ޕާޓީން އޭނާ އަށް އެހީވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.