19:00


ޏ. ފުވައްމުލަކުގައި އެއާޕޯޓު އަޅާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މިދިޔަ މަހުގެ ތެރޭ ފަށާނެ ކަމަށް ބުނި ނަމަވެސް އެ މަސައްކަތް ނުފެށި ލަސްވީ ސާވެޔަރުން އެ ރަށަށް ނުފޮނުވިގެން ކަމަށް އެ މަސައްކަތް ހިންގާ ކުންފުނިން ބުނެފި އެވެ.


ވީބީ ބްރަދާސްގެ ހިއްސާ އޮންނަ ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންސް (ޕީސީއެޗް) ގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރ ހަސަން މުހައްމަދު މިއަދު ވިދާޅުވީ މާލެއިން ސާވެޔަރުން ފޮނުވުމުގައި ދަތިތަކެއް ދިމާވީ، ޗުއްޓީ ދުވަސްވަރަކަށް ވުމުގެ އިތުރުން ފުވައްމުލަކުގައި އިތުރު އިވެންޓްތަކެއް މިހާރު ކުރިއަށް ދާތީ ފްލައިޓުން ޖާގަ ނުލިބުމުގެ ސަބަބުން ކަމަށެވެ. އެހެން ނަމަވެސް ސާވޭ ޓީމު އަންނަ ބުދަ ދުވަހު ފުވައްމުލަކަށް ދާގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ. ހަސަން ވިދާޅުވީ ފުވައްމުލަކަށް ސާވެޔަރުންނަށް ދެވުމާއެކު އެއާޕޯޓް އަޅާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.


ޕީސީއެޗާއި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އަންނަ އަހަރުގެ ޖޫން މަހަށް އެއާޕޯޓްގެ މަސައްކަތް ނިންމުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެ ކުންފުނިން ކުރަމުންގެންދާ ކަމަށާއި އެ މުއްދަތަށް އެއާޕޯޓް ނިންމޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް ފުވައްމުލަކުގައި އެޅުމަށް ހަމަޖެހިފައިވާ އެއާޕޯޓްގެ މަސައްކަތް ނުފެށި ލަސްވަމުންދާ ކަމަށް ބުނެ އެރަށު ރައްޔިތުން ދަނީ ޝަކުވާ ކުރަމުންނެވެ.