28 Feb 2019, 14:56
ހަނޯއި (ފެބްރުއަރީ 28): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ދެވަނަ ބައްދަލުވުން، ނިއުކްލިއާ ހަތިޔާރާ ބެހޭ އެއްބަސްވުމަކަށް ނާދެވެނީސް ނިމުމަކަށް އަތުވެއްޖެ އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި ކިމް ވަނީ އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަށް އެންމެ މުހިއްމު އެއް ރިސާޗު ސެންޓަރު ކަމަށްވާ ޔޮންގްބިޔޮން ކޮމްޕްލެކްސް ބޭނުން ކުރުން އެއްކޮށް ހުއްޓާލާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެއީ އެމެރިކާއިން އުތުރު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެ ނަމަ އެވެ. އަދި އެއީ އެމެރިކާއަށް ކުރެވެން ނެތް ކަމެއް ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
"އުތުރު ކޮރެއާއިން ބޭނުންވީ އެގައުމާ ދެކޮޅަށް އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އުވާލަން ނަމަވެސް އެއީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޫން،" ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.
ވިއެޓްނާމްގެ ހަނޯއިގައި ތިއްބެވި ދެ ލީޑަރުންގެ ޕްރޮގްރާމުގައި މީގެ ކުރިން އޮތީ މިއަދު ދެ ގައުމުން އެއްބަސްވުމެއްގައި ސޮއި ކުރުމަށް ފަހު ދެބޭފުޅުން އެއްކޮށް މެންދުރުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށެވެ. ނަމަވެސް މިހާރު އެއްބަސްވުމުގައި ސޮއި ކުރެއްވުމާއި ފަރިއްކޮޅުވެސް ވަނީ ކެންސަލްކޮށްފަ އެވެ. އަދި ރައީސް ޓްރަމްޕް ވަނީ ނޫސް ކޮންފަރެންސަކަށް ފަހު ވިއެޓްނާމުން ފުރާ ވަޑައިގެންފަ އެވެ.
އެއީ ރައީސް ޓްރަމްޕާއި ލީޑަރު ކިމްގެ ދެވަނަ ބައްދަލުވުމެވެ. އެދެބޭފުޅުން މީގެ ކުރިން ބައްދަލު ކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހު ސިންގަޕޫރުގަ އެވެ. އެބައްދަލުވުމުގައި ލީޑަރު ކިމް ވަނީ ކޮރެއާއިން ނިއުކްލިއާ ހަތިޔާރު އެއްކޮށް ނައްތާލުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.