28 Feb 2019, 14:58
ޓްރާންސްޕޯޓް މިނިސްޓްރީން ހުޅުވާލި ހިލޭ ހެލްމެޓް ދިނުމުގެ ޕްރޮގްރާމްގެ ދަށުން 300 ހެލްމެޓް މިއަދު ހެނދުނު ބަހައިފިއެވެ.
އެ ހެލްމެޓްތައް ބަހައިފައިވަނީ މިއަދި ހެނދުނު ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ޕްރޮގްރާމްގެ ދަށުން ހިލޭ ހެލްމެޓް ލިބެނީ އެއްގަމު އުޅަނދު ދުއްވުމުގައި މަގުމަތީގެ އަހްލާގާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ޓަކައި ދެގަޑި އިރުގެ ތަމްރީން ސެޝަންއެއްގައި ބައިވެރިވުމުންނެވެ. އެގޮތުން 5000 ހެލްމެޓް ބެހުމަށް ހަމަޖެހިފައިވާ ކަމަށް ޓްރާންސްޕޯޓް މިިނިސްޓްރީން ބުންޏެވެ. އެ އަދަދަށް ހެލްމެޓްތައް ބެހުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއްވެސް މެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިރޭވެސް ރޭގަނޑު އަށަކުން 11 އަށް އެ ޕްރޮގްރާމް ކުރިއަށްދާނެ ކަމަށެވެ.
އަދި ހޮނިހިރު ދުވަހުން ފެށިގެން އަންނަ އަންގާރަ ދުވަހާ ހަމައަށްވެސް އެ ޕްރޮގްރާމްގެ ސެޝަންތައް އެކި ގަޑިތަކުގައި ކުރިއަށްދާނެ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
ޓްރާންސްޕޯޓް އޮތޯރިޓީ އިން ބުނީ ޕްރޮގްރާމްގެ ބޭނުމަކީ އުޅަނދު ދުއްވާ ފަރާތްތަކުގެ ހުނަރާއި ގާބިލްކަން އަދި މަގުމަތީގައި އުޅަނދު ދުއްވާނެ ރައްކާތެރި ގޮތްތައް ދަސްކޮށްދިނުން ކަމަށެވެ.
އަދި އުޅަނދު ދުއްވާ ފަރާތްތަކަކީ އެކަމަށް ގާބިލް ބަޔަކަށް ހެދުމާއި ސްޕީޑް ކުރުމަކީ ނުރައްކާތެރި ހާދިސާތަކަށް މަގުފަހިވާކަމެއްކަން އުޅަނދު ދުއްވާފަރާތްތަކަށް އަންގާދިނުން ކަމަށެވެ. އަދި ނުރައްކާތެރި އެކްސިޑެންޓްތައް މަދުކުރުމަށް ރައްޔިތުން ހޭލުންތެރި ކުރުން ކަމަށް ވެސް އެ އޮތޯރިޓީ އިން ބުންޏެވެ.