ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި އެއްވަނައިގައި އޮތް ލިވަޕޫލް ފަސޭހަ ކަމާއި އެކު ވެޓްފޯޑް ގެ މައްޗަށް ކުރި ހޯދިއިރު ދެވަނައަގައި އޮތް މެންޗެސްޓާ ސިޓީ އިން ވެސްޓްހާމް ބަލިކޮށް ފަހަތުގައި ވަރުގަދައަށް ފައި ހަރު ކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅެ ލިވަޕޫލްއިން ވެޓްފޯޑްގެ މައްޗަށް ކުރި ހޯދީ 0-5 ގެ ބޮޑު ނަތީޖާއަކުންނެވެ. ރަށުން ބޭރުގައި ކުޅެ ވެސްޓްހަމް އަތުން ސިޓީ މޮޅުވީ 0-1 ގެ ހަނި ނަތީޖާ އަކުން އެވެ. މި މޮޅާއި އެކު ލިވަޕޫލްއަށް 28 މެޗު ކުޅެގެން ލިބެނީ 69 ޕޮއިންޓެވެ. ދެވަނައިގައި އޮތް ސިޓީ 28 މެޗު ކުޅެގެން 68 ޕޮއިންޓް ލިބިފައި ވާ އިރު އެއްވަނައަށް މި ދެ ޓީމު ކޯޅުމަށް ހުއްޓުމެއް ނެތެވެ.

ސާޖިއޯ އަގުއޭރޯ ރޭގެ މެޗުގައި ވެސްޓް ހާމް ކޮޅަށް ގޯލު ޖެހުމަށް ފަހު --- ފޮޓޯ / ލިއަމް ބްލެކް ބާން

ލިވަޕޫލް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން އެއްވަރު ވެ ޕޮއިންޓް ތަކެއް ގެއްލުވާލި ނަމަވެސް ރޭގެ މެޗުގައި އެ ޓީމުން ވަނީ ވަރުގަދަ ކުޅުމެއް ދައްކާފައެވެ.

މެޗު ފެށިގެން ފުރަތަމަ 10 މިނަޓު ތެރޭގައި ސާޑިއޯ މާނޭ ވަނީ ލިވަޕޫލްއަށް ގޯލެއް ޖަހައިދީ ލީޑް ނަގާފައެވެ. މި ގޯލާއި އެކު ވެޓްފޯޑްއަށް ހަމަޖެހި ނުލެވި އުޅެނިކޮށް މާނޭ ވަނީ އިތުރު ގޯލެއް ޖަހާ މެޗުން މޮޅު ކުރުމައް ލިވަޕޫލްއަަށް އިތުރު ހިއްވަރެއް ދީފައެވެ.

މި ގޯލާއި އެކު ވެޓްފޯޑް އިން ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފް އިތުރު ގޯލެއް ވަދުނަ ނުދީ ނިންމާލިއެވެ. ނަމަވެސް ދެވަނަ ހާފު ފެށުމާއި އެކު ލިވަޕޫލް އިން ދިޔައީ އަނެއްކާވެސް ނުރައްކާތެރި ހަމަލާތައް އުފައްދަމުންނެވެ.

މިގޮތުގައި މާ ގިނަ އިރުތަކެއް ނުވަނީސް ލިވަޕޫލްގެ ޒުވާން ކުޅުންތެރިޔާ ޑިވޮކް އޮރިގީ ވަނީ ލިވަޕޫލްއަށް ގޯލެއް ޖަހައިދީ މެޗު ޔަގީން ކޮށްދީފައެވެ. މި ގޯލާއި އެކު ވެޓްފޯޑްގެ ކުޅުންތެރިންގެ ހިއްވަރު އެލުން ފަަދައެވެ.

ފަހު ހާފު ނިމެންދިޔަ ވަގުތު ލިވަޕޫލްގެ ޑިފެންޑަރު ވާޖިން ވެން ޑައިކް ވަނީ އިތުރު ދެ ގޯލު ޖަހާ ލިވަޕޫލްގެ ސަޕޯޓަރުންގެ މޫނު މައްޗަށް ހިނިތުން ވުމެއް ގެނެސްދީފައެވެ.

ލިވަޕޫލްއާ އެންމެ ވާދަވެރިކޮށް މި ސީޒަނުގައި ބެލެވެމުންދާ މެންޗެސްޓާ ސިޓީ ރޭ ރަށުން ބޭރުގައި ވެސްޓް ހާމްއާއި ވާދަ ކުރި މެޗުގައި އެ ޓީމުގެ ގެ ފަރާތުން އެންމެ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

މެޗުގައި ޖެހި ހަމައެކަނި ގޯލު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ސިޓީގެ ރެކޯޑް ޓޮޕް ސްކޯރާ ސާޖިއޯ އަގުއޭރޯއެވެ.