ފެން ކުންފުނިން ފޯރުކޮށްދޭ ހިދުމަތް އިތުރަށް ފުޅާކޮށް ފެން ރައްކާކުރާނެ ކެޕޭސިޓީ އިތުރު ކުރުމަށް މާލެއިން ބިމެއް އެ ކުންފުންޏަށް ދީފިއެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އެސްޓީއޯގެ ރެޑީމިކްސް ސިމެންތި އުފެއްދުމަށް މިހާރު ބޭނުންކުރާ ބިން، އެމްޑަބްލިއުއެސްސީ އަށް ދީފައިވާކަމަށް ސަރުކާރުން އަންގާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާރު ސިޓީ ލިބިފައި އޮތީ އެ ބިން ދީފައިވާކަމަށް. އެ ބިމުގައި އަޅުގަނޑުމެން ބަންނާނީ ދުވާލަކަށް 20،000 ޓަނުގެ ފެން ރައްކާ ކުރެވޭނެ ދެ ތާނގީ،" އާޒިމް ވިދާޅުވީ ކުރިއަށް އޮތް އެއް މަސްތެރޭ އެ ބިން އެމްޑަބްލިއުއެސްސީ އާ ހަވަލު ކުރާނެ ކަމަށާއި އެއް އަހަރު ތެރޭ އެ ބިމުގައި ތާންގީ ބަނދެ ނިންމާލެވޭނެ ކަމަށެވެ.

ފެނުގެ ސްޓޯރޭޖު އިތުރުކުރުމަށް މާލެއިން އިތުރު ބިންތައް ފެންކުންފުންޏަށްދޭން ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ވޯޓާ ނެޓްވޯކު އަޕްގްރޭޑު ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތަކީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި ޕްރޮޖެކްޓަށް ޖުމްލަ 24 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު ހުޅުމާލޭގައި ފެން އުފެއްދުމަށް އިތުރު އާރްއޯޕްލާންޓެއް ގެނައުމުގެ މަސައްކަތް މިހާދު ދަނީ ކުރަމުންނެވެ. އެ ޕްލާންޓަކީ 3000 ޓަނުގެ ފެން އުފެއްދޭނެ ޕްލާންޓެއްކަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.

މާލެ ސަރަހައްދުގައި އެންމެ ބޮޑު އެއް ޝަކުވާ އަކަށް ވެފައިވަނީ މަތީ ފްލޯތަކަށް ޕްރެޝަރުގައި ފެން ނުލިބޭ މައްސަލަކަމަށާއި، ހާއްސަކޮށް ހުކރުު ދުވަހުގެ މެންދުރު ވަގުތާއި ނަމާދު ވަގުތު ތަކުގައި އެ މައްސަލަ ބޮޑުކަން ފާހަގަކުރެވޭކަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ. އެކަން ހައްލުކުރުމަށް ފެނުގެ ނެޓްވޯކު އަޕްގްރޭޑު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އެ ކުންފުނިން ބުންޏެވެ.

"މަތީ ފްލޯތަކަށް ޕްރެޝަރުގައި ފެން ނުލިބޭ މައްސަލަ ބޮޑު. އަޅުގަނޑުމެން އިލްތިމާސްކުރަން މަތީ ފްލޯތަކަށް ފެން ޕްލެޝަރުގައި ނުލިބޭނަމަ އަމިއްލަ އަށް ބޫސްޓިން ޕަމްޕް ހަރުކުރުމަށް،" އެ ކުންފުނީގެ ޓެކްނިކަލް ސާވިސް މެނޭޖަރު އަހުމަދު ޔާމީން ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީ އިން މިހާރު ދަނީ ކުންފުނީގެ މަސައްކަތް ކުރިއަށް ގެންދިއުމަށް 10 އަހަރުގެ މާސްޓާ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.