11 Oct 2011, 17:27
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި ރާއްޖޭގެ އަގު ވެއްޓޭ ގޮތަށް ތަކުރާރުކޮށް އެކި ގައުމުތަކުގައި ވާހަކަފުޅު ދައްކަވާ ކަމަށް ބުނެ އިދިކޮޅު ޑީއާރްޕީން އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޑީއާރްޕީގެ އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ތުލުސްދޫ ދާއިރާގެ މެމްބަރު، ރޮޒައިނާ އާދަމް ވިދާޅުވީ ރައީސް ނަޝީދު ތަކުރާރުކޮށް އެކި ގައުމުތަކުގައި ރައްޖޭގެ އަގު ވެއްޓޭ ގޮތަށް ވާހަކަފުޅު ދައްކަވާ ކަމަށެވެ. އެގޮތުން ކެނެޑާ އަށް ކުރެއްވި ދަތުރު ފުޅެއްގައި އެ ގައުމުގެ ޓީވީ ޗެނަލަކަށް މައުލޫމާތު ދެއްވަމުން ކުރިއަށް އޮތް ހަތް އަހަރު ތެރޭގައި ރާއްޖެ ނެތިގެންދާނެ ކަމަށް ދޭހަވާ ގޮތައް ވާހަކަފުޅު ދެއްކެވި ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
އަދި ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އިނދަޖެހި، ބޭރުގެ އިންވެސްޓަރުން އިންތިހާ އަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައި ރައީސްގެ ވާހަކަފުޅުތައް އެ ގޮތަށް ހުރުމުން ރާއްޖެ އަށް ލިބޭ އިންވެސްޓްތަކަށް ހުރަސް އެޅިގެންދާ ކަމަށެވެ.
" އަޅުގަނޑުމެންނަށް މި ފެންނަނީ ރާއްޖޭގެ އަގު ވެއްޓޭ ގޮތަށް ރާއްޖޭގެ އިގްތިސޯދާ މެދު ކަންބޮޑުވުން އުފެދޭ ގޮތަށް [ރައީސް ނަޝީދު] ވާހަކަފުޅު ދައްކަވާތަން. އެގޮތުން ކެނެޑާގެ ޓީވީ ޕްރޮގްރާމަކަށް އަރުއްވައި ދެއްކެވި ވާހަކަފުޅުތަކުގައި ހަތް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ ނެތިގެންދާނެ ކަން ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކަވާފަ އެބަހުރި. މިވެސް އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް،" ރޮޒައިނާ ވިދާޅުވިއެވެ. "އޭގެ އިތުރުން އަޅުގަނޑުމެންގެ ގައުމުގެ އިގްތިސާދު މިހާ އިނދަޖެހިފައިވާ ވަގުތެއްގައި އަދި އަޅުގަނޑުމެންނަށް ބޭރުގެ އިންވެސްޓްމަންޓްތައް ބޭނުންވާ ވަގުތެއްގައި، މިކަހަލަ ވަހަކަފުޅުތައް ދެއްކެވުމަކީ އިންވެސްޓަރުން ރާއްޖެ އައުމަށް ހުރަސް އެޅިގެންދާނެ ކަމެއް. ހަތް އަހަރުގެ ދުވަހުގެ ތެރޭގައި ނެތިގެންދާނެ ތަނަކަށް އެއްވެސް ބަޔަކު އަންނާކަށް ބޭނުމެއް ނުވާނެ،"
ރޮޒައިނާ ވިދާޅުވީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލު ތަކާ ގުޅިގެން ރާއްޖެ، ނާޒުކު ފަތްތަރެއްގައި އޮތް ކަން އެގިގެން އެކި ބޭފުޅުން ހައްދަވާފައި ހުރި ދިރާސާ ތަކުން ހާލަތު އެހެން ގޮތަކަށް ސިފަވެގެންދާނޭ ފަދަ އަލާމާތް ތަކެއް ފެނިފައި އެބަހުރި ކަމަށެވެ. އަދި މަޝްހޫރުކަން ހޯއްދެވުމަށް ރައީސް ނަޝީދު ތަކުރާރު ކޮށް ކޮންމެ ގައުމެއްގައި އެ މޭރުމުން ވާހަކަފުޅު ދެއްކެވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
ރައީސް ނަޝީދު އަތޮޅު ތަކަށް ކުރައްވާ ދަތުރު ފުޅުތަކުގައި ބައެއް ރަށްތަކުގެ ރައްޔިތުން ބަދުނާމުވާ ގޮތަށް ވާހަކަފުޅު ދައްކަވާފައިވާތީ ވެސް ކަންބޮޑުވާ ކަމަށާއި އެ ރަށްތަކުގެ ރައްޔިތުން ވެސް އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ބައެއް ރަށްރަށުގެ ރައްޔިތުންނަށް ވަރަށް ނިކަމެތިވާ ކަހަލަ ބަސް ބަސް ވިދާޅުވަމުން ދާތަން. މިސާލަކަށް ދިއްދޫ އާއި ގައްދޫ އަދި ހޯރަފުށީގެ ޒުވާނުންނަށް ނިސްބަތް ކޮށް އެއީ ހަކުރު ބޯ މީހުންނޭ ކިޔާފަ މިކަހަލަ ބަހުރުވައިން ވަރަށް ދެރަވަރުކޮށް ވާހަކަ ދައްކަވާފަ ވަނީ. ދިއްދޫ އާއި ގައްދު އާއި ހޯރަފުށީގެ ރައްޔިތުންގެ ފަރާތުން ޑީއާރްޕީ އަށް ވަރަށް ގިނަ ބޭފުޅުން ގުޅުއްވައިގެން އެކަމާ ކަން ބޮޑުވުން ފާޅުކޮށް ވަނީ،" ރޮޒައިނާ ވިދާޅުވިއެވެ.
ލިޔުމާ ގުޅޭ އޯޑިއޯ