ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބްގައި ކ. ކާށިދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވުމަށް އަބްދުﷲ ޖާބިރި، އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމް ހުށަހަޅުއްވިފި އެވެ.

އީސީއަށް ފޯމް ހުށަހެޅުއްވިކަން ޖާބިރު ވަނީ 'ސަން' އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.

ކާށިދޫ ދާއިރާއަށް ވާދަކުރުމަށް ޖާބިރު ފޯމް ހުށަހަޅުއްވާފައި މިވަނީ އެމްޑީޕީގެ ޓިކެޓްގައި އެ ދާއިރާއަށް ވާދަކުރުމަށް ޓިކެޓް ނުލިބުމުން، ޕްރައިމެރީގައި ވާދަކުރުމުން ބަލިވާ ފަރާތްތަކުން އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހު ސުޕްރީމް ކޯޓަށް ހުށަހަޅައި، އެ ކޯޓުން އެ އިސްލާހު ބާތިލް ކުރުމުންނެވެ.

ޖާބިރުގެ އިތުރުން އެ އިސްލާހު ބާތިލު ކުރުމަށް ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ ޕްރައިމަރީން ބަލިވި އަހްމަދު މުހައްމަދުގެ އިތުރުން ގާނޫނީ ވަކީލު އަބްދުލް މާނިއު ހުސައިން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި އެވެ.

ސުޕްރީމް ކޯޓުން ކަނޑައެޅީ ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކޮށް، ނާކާމިޔާބުވާ ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށެވެ. އަދި މަޖިލިސް އިންތިހާބަށް ވާދަ ކުރުމުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ޕްރައިމަރީން ބަލިވި ކެންޑިޑޭޓުންނަށް ފުރުސަތު ހުޅުވާލުމަށް އެ ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ރައިސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީގެ މަގާމުގައި ވެސް ހުންނެވި ޖާބިރު ކާށިދޫ ދާއިރާއަށް ވާދަކުރުމަށް ފޯމް ހުށަހަޅުއްވާފައި މިވަނީ އޭނާ ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީން، ޕްރައިމަރީން ބަލިވި އެ ޕާޓީގެ ކެންޑިޑޭޓަކު އަމިއްލަ ގޮތުން އިންތިހާބުގައި ވާދަ ކުރައްވާ ނަމަ އެ ކެންޑިޑޭޓަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެފައި އޮތްވަ އެވެ.

ނަމަވެސް، ޖާބިރު ވިދާޅުވީ، ގާނޫނު އަސާސީން ލިބިދޭ ހައްގެއް ހޯދުމަށް މަސައްކަތް ކޮށްގެން ޕާޓީއަށް ފިޔަވަޅު ނޭޅޭނެ ކަމަށެވެ.

ޖާބިރަކީ މީގެ ކުރިން ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ކާށިދޫ ދާއިރާގެ މެމްބަރުކަމާއި ގއ. އަތޮޅުގެ މެމްބަރުކަން ކުރައްވައިފަ އެވެ. އަދި އާ ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި އޭނާ ހިމެނިވަޑައިގެންނެވި އެވެ.