28 Feb 2019, 15:39
ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން "ނިއު މޯލްޑިވްސް" ހަރަކާތުގެ ނަމުގައި ސިޔާސީ ހަރަކާތެއް ފެއްޓެވި ބޭބޭފުޅުންތަކެއްގެ ތެރެއިން ފެންނަން ފެށި މޫނެކެވެ. ފަހުން އެބޭފުޅުން ހެދި ސިޔާސީ ޕާޓީއެއްގެ ތެރެއިންނެވެ. އެއަށް ފަހު ދެން އައި ސަރުކާރު ޒިންމާދާރުކުރުމުގަ އެވެ. ދެން އައި ސަރުކާރުގެ މިނިސްޓަރުކަމުގަ އެވެ. އެ ސަރުކާރުން ވަކިވެ، ދެން އިދިކޮޅަށެވެ.
އެންމެ ފަހުން 2018 ވަނަ އަހަރުގެ އިންތިހާބަށް ފަހު އައި ސަރުކާރުގައި، ރާއްޖޭގެ އެންމެ މުހިންމު އެއް ދާއިރާ ބަލަހައްޓާ ވުޒާރާ ހިންގެވުމުގެ ވަޒީރަކަށެވެ.
އަމީންގެ ޒުވާން ދުވަސްވަރަކީ ރާއްޖޭގައި ސިޔާސީ ހަރަކާތްތައް "ފިޔަ ފަޅައި" އުތުރިގަތް ދުވަސްވަރެވެ. ރަހުމަތްތެރި ބޭފުޅުންކޮޅެއް އުފެއްދެވި ސިޔާސީ ހަރަކާތާއި ސިޔާސީ ޕާޓީގައި އުޅުއްވައި، އެންމެ ފަހުން 2013 ވަނަ އަހަރު ޕީޕީއެމްއާ ގުޅިވަޑައިގަތެވެ. އެއީ އެކުވެރި ޑރ. މުހައްމަދު ޖަމީލް އަހްމަދު، ޕީޕީއެމްގެ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ރަނިންގް މޭޓަކަށް އުޅުނު ދުވަސްވަރެވެ. އެކި ރަށްރަށަށް އަމީން ދަތުރުކުރައްވައި، ޕީޕީއެމް ކެންޑިޑޭޓަށް ތާއީދު ހޯއްދެވި އެވެ. ކަން ދިމާވި ގޮތުން އިންތިހާބު ކާމިޔާބުވީ ޕީޕީއެމްއަށެވެ.
އެއާއެކު އެކުވެރި ޑރ. ޖަމީލް ވެވަޑައިގަތީ ނައިބު ރައީސަށެވެ. އަމީނަށް ލައްވާލީ ރައީސް އޮފީހުގެ މިނިސްޓަރުކަމެވެ. އަދި ދެ ބޭފުންނާ ވެސް ގާތް މުހައްމަދު މަލީހު ޖަމާލަށް ޒުވާނުންގެ ވުޒާރާ ހިންގެވުމެވެ.
ނަމަވެސް މާ ގިނަ ދުވަހެއް ނުވެ އެވެ. ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީނާއި ނައިބު ރައީސް ޑރ. ޖަމީލްއާ ދެމެދު ނުތަނަސްކަން އުފެދުނެވެ. އަދި ޑރ. ޖަމީލް ނައިބު ރައީސްކަމުން ވަކިކުރި އެވެ. އެއާ އެކު ޖަމީލްއާ އާއިލީ ގޮތުން ވެސް ގުޅުން އޮންނަ މަލީހު ވެސް ވަކިކުރީ އެވެ.
"ވަކިވީ އެކުވެރިންނަށްޓަކައި"
އަމީން ވިދާޅުވީ ކަންކަން އެގޮތަށް ދިއުމުން އޭނާ، އޭރުގެ ރައީސް އަބްދުﷲ ޔާމީންއާ ބައްދަލުކުރައްވައި، އެ ހުރިހާ ވާހަކައެއް ހިއްސާކުރެއްވި ކަމަށެވެ.
"އަޅުގަނޑު ދެންނެވިން އިތުރަށް ސަރުކާރުގައި ކުރިއަށް ދިއުމުގެ ވިސްނުމެއް ނެތޭ. ދޫކޮށްފައިދާ ވަގުތު ޖެހިއްޖެކަމަށް ގަބޫލު ކުރެވެއޭ. ރައީސް އެއްސެވި ކީއްވެގެންތޯ. އަޅުގަނޑު ވަރަށް ގިނަ ސަބަބުތައް ކިޔައިދިނިން،" އަމީން ވިދާޅުވި އެވެ.
"އަޅުގަނޑު [ރައީސް އޮފީހުގެ މިނިސްޓަރުގެ] މަގާމަށް އައީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ކުރި މަސައްކަތަށް ފަހު، ޓީމެއްގެ ގޮތުގައި [ސަރުކާރުގައި] މަސައްކަތްކުރުމުގެ ފުރުސަތު ލިބުމުން. ނަމަވެސް އަޅުގަނޑާ އެކު އެންމެ ގާތްކޮށް މަސައްކަތްކުރި މީހުންނާ ދޭތެރޭ ކަންކަން ކުރި ގޮތް ބަލައެއް ނުގަނެވޭނެ،"
"ޑރ. ޖަމީލްއާ މެދު [އެ ސަރުކާރުން] ކަންތައް ކުރެއްވި ގޮތް ބަލައެއް ނުގަނެވޭނެ. އަދި މަލީހު ވަޒީރުކަމުން ވަކިކުރީ ވަޒީރަކު ވަކިކުރަންވާ ގޮތަކަށް ނޫން،" އަމީން ވިދާޅުވި އެވެ.
"އަޅުގަނޑު ދެންނެވިން އަޅުގަނޑުގެ އަޚްލާގީ ޒިންމާއެކޭ އެ ހިސާބުން ދޫކޮށްލާފައި ދިއުމުން. އެއީ އެންމެން އެކުގައި ކުރި މަސައްކަތެއްގެ ތެރެއިން ވަކި ބަޔަކު ބާކީވެފައި، އަޅުގަނޑު މަގާމުގެ ބޭނުމުގައި ހުންނަން ބޭނުމެއް ނެތޭ،"
ސަރުކާރުގައި މަޑުކުރެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެން ދައުވަތު ދެއްވިކަމަށް ވެސް އަމީން ވިދާޅުވި އެވެ. އެ ފުރުސަތު އޮތް ނަމަވެސް، "އެކުވެރިންނަށް ގޯސް ގޮތްތައް މެދުވެރިވީމާ" މަގާމުގައި ހުންނަން ބޭނުން ނުވީކަމަށް ވިދާޅުވި އެވެ.
"ކަންކަން ގޯހުން ދިޔަކަން އެންމެ ކުރިން ވެސް އެނގުނު"
އަމީން "50 މިނިޓު"ގައި ވިދާޅުވީ، ދޮޅު އަހަރު ދުވަހު ރައީސް ޔާމީނުގެ ސަރުކާރުގައި ހިދުމަތްކުރި އިރު، އެންމެ ފުރަތަމަ ދުވަސްކޮޅުވެސް "ބައެއް މަންޒަރުތައް" ފެންނަން ފެށި ކަމަށެވެ.
"ފުރަތަމަ މަސް ދުވަހުގެ ތެރޭގައި ބައެއް މަންޒަރުތައް، ކަންކަން ހިނގައިދާ ގޮތުގެ ތަޖުރިބާ ސިޔާސީ ގާތް ބޭފުޅުންނާ ހިއްސާކުރިން. އަޅުގަނޑު ދެންނެވިން މިސްރާބު ހުރީ މިގޮތަށޭ. އަޅުގަނޑުމެން ފެއަށް ޖެހުނުތާ އެތައް ދުވަހެއް ފަހުން އެކަންކަން ތިލަވެ ސާފުވެ، އެކަންކަން ބަދަލުކުރަން އެންމެން އެކުގައި އަނެއްކާ ނުކުންނަން ޖެހުނީ،" އަމީން ވިދާޅުވި އެވެ.
"ދިރިއުޅުމުގެ ބޮޑު ބަޔަކީ މިނިސްޓްރީ"
ޔާމީނުގެ ސަރުކާރުން ވަކިވެ، އިދިކޮޅުގައި މަސައްކަތް ކުރައްވަމުން ގެންދަވަމުން އަމީން ގުޅިވަޑައިގަތީ ޖުމްހޫރީ ޕާޓީއާ އެވެ. އެ ޕާޓީގެ ބޭފުޅުންނާ އެކު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރެއްވި އެވެ. ކެންޑިޑޭޓުގެ ރަނިންގް މޭޓުގެ ޓިކެޓު ޖުމްހޫރީ ޕާޓީއަށް ދޫކޮށްލުމުން އެ މަގާމަށް ވާދަކުރެއްވި އެވެ. ކުރިމަތިވީ ނާކާމިޔާބީއާ އެވެ. އެހެން ނަމަވެސް ރައީސް ސޯލިހު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމުން، އަމީނަށް ސަރުކާރުގެ މަތިފަޑިން ޖާގައެއް ލިިބިވަޑައިގަތެވެ. ހެލްތު މިނިސްޓަރުކަމެވެ.
އަބްދުﷲ އަމީން ހެލްތު މިނިސްޓަރުކަމަށް އައްޔަނުކުރެއްވުމާ އެކު ބައެއް ރައްޔިތުން ދިޔައީ ނުރުހުން ފާޅުކުރަމުންނެވެ. އެ ދާއިރާގެ ތަޖުރިބާ ނެތް ބޭފުޅެއް ކަމަށް ބުނަމުންނެވެ. އެހެން ނަމަވެސް އަމީން ގެންދަވަނީ ގޮންޖެހުން ބޮޑު މަސައްކަތް ހުޝިޔާރުކަމާ އެކު ކުރައްވަމުންނެވެ.
މަސްއޫލިއްޔަތުގެ ބޮޑުކަން އަމީން ގަބޫލުކުރައްވައެވެ. އެގޮތުން ދިރިއުޅުމުގެ ބޮޑު ބަޔަކީ މިނިސްޓްރީގެ މަސައްކަތްކަމަށް ވިދާޅުވާ ވިދާޅުވުމަކީ މިކަމުގެ ހެއްކެކެވެ.
"ދިރިއުޅުމުގެ ވަރަށް ބޮޑު ބަޔަކީ ހެލްތު މިނިސްޓްރީގެ މަސްއޫލިއްޔަތުތައް. އެއީ ހެލްތުގެ ދާއިރާގެ ގޮތުން، ދާއިރާ ބޮޑުވުމާއި މަސައްކަތުގެ ބޮޑުކަމުން،" ސަން އޮންލައިނުގެ "50 މިނިޓު"ގައި އަމީން ވިދާޅުވި އެވެ.
މީގެ ހަތް އަހަރެއްހާ ދުވަސް ކުރިން އިސް މަގާމުތައް ފުރަމުން އައި އަމީން ވިދާޅުވީ ބުރަކޮށް އުޅެމުން ވެސް އެހެނިހެން ކަންކަން ބެލެންސްކުރުމަށް މިހާރު ހޭނިއްޖެ ކަމަށެވެ.
"އާންމު ދިރިއުޅުމަށް މާ ބޮޑު ބަދަލެއް ނާދޭ. އިސް މަގާމުތަކުގައި އުޅޭ އިރު ކަންކަން ގެންގުޅޭނެ ގޮތުގެ ތަޖުރިބާ ކުރެވިފައި ހުރުމުން ކަންކަން ބެލެންސް ކުރެވޭ،" އަމީން ވިދާޅުވި އެވެ.