28 Feb 2019, 11:28
އިސްލާމްއާބާދު (ފެބްރުއަރީ 28): ޕާކިސްތާނުގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ ހުރިހާ އުދުހުންތައް މިއަދު ވެސް ސަސްޕެންޑުކޮށްފައިވާ ކަމަށް އެގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ)އިން ބުނެފި އެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު މޭޖާ ޖެނެރަލް އާސިފް ޣަފޫރު އިއްޔެ ވިދާޅުވި ގޮތުގައި އެގައުމުގެ ވައިގެ ސަރަހައްދު ބަންދު ކުރީ ގައުމުގެ ސަލާމަތީ ހާލަތު އޮތްގޮތުންނެވެ. އަދި ސީއޭއޭއިން މިއަދު ކުރި ޓުވީޓެއްގައިވާ ގޮތުން އިއްޔެއެކޭ އެއްގޮތަށް، މިރޭ ބާރަ ޖަހަންދެން އެގައުމުގެ ވައިގެ ސަރަހައްދު އޮންނާނީ ބަންދުކޮށްފަ އެވެ.
މިދިޔަ އަންގާރަ ދުވަހު އިންޑިއާގެ އެއާފޯސްގެ ޖެޓުތަކެއް ވަނީ ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެ ހަމަލާތަކެއް ދީފަ އެވެ. އިންޑިއާ އިން ބުނި ގޮތުގައި އެހަމަލާ އަމާޒު ކުރީ ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ ޖައިޝް މުހައްމަދުގެ ޓްރެއިނިން ކޭމްޕުތަކަށެވެ. އަދި އެހަމަލާގައި ގިނަ އަދަދެއްގެ ޓެރަރިސްޓުން މަރުވި އެވެ.
ނަމަވެސް ޕާކިސްތާނުން ބުނި ގޮތުގައި އެހަމަލާ އަމާޒުވީ މީހުން ދިރިނޫޅޭ ސަރަހައްދަކަށެވެ. އެހެންކަމުން އެހަމަލާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެ އެވެ.
އޭގެ ފަހުން އިއްޔެ ޕާކިސްތާނުން ވަނީ ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅިއަށް ހަމަލާތަކެއް ދީފަ އެވެ. އޭގެ ފަހުން ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަން އިންޑިއާގެ ދެ ފައިޓާ ޖެޓު ވައްޓާލާފައިވާ ކަމަށް ޕާކިސްތާނުން ބުނެ އެވެ. އަދި އޭގެ ތެރެއިން އެއް ޖެޓުގައި އިން ޕައިލެޓު، ވިންގް ކޮމާންޑާ އަބީއާނަންދު ވަރުތަމާން މިހާރު ހުރީ ޕާކިސްތާނުގެ ބެލުމުގެ ދަށުގަ އެވެ.
އިންޑިއާ އިން ވަނީ ޕައިލެޓު ވަރުތަމާން ވަގުތުން ދޫކޮށްލުމަށް ގޮވާލާފަ އެވެ. އެގައުމުން ޖައިޝް މުހައްމަދުގެ ކޭމްޕުތަކަށް ހަމަލާދިނީ، މިމަހުގެ 14ގައި އެޖަމާއަތުން ކަޝްމީރުގައި ދިން ހަމަލާއެއްގައި އިންޑިއާގެ 40އަށް ވުރެ ގިނަ ސިފައިން މަރުވި ފަހުންނެވެ.