ރަށުން ބޭރުގައި ކުޅެ ވިދި ވިދިގެން ހޯދި އަށް މޮޅުގެ ރެކޯޑަކާ އެކު ރޭ ކުރިސްޓަލް ޕެލަސް ކައިރިން މެންޗެސްޓާ ޔުނައިޓެޑް ހޯދި މޮޅަށް ފަހު އެ ގޮތުގައި ޓީމު ހިފަހައްޓަން ބޭނުންވާ ކަމަށް ރޮމެލޫ ލުކާކޫ ބުނެފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސްގެ އަމިއްލަ ދަނޑުގައި ކުޅެ ޔުނައިޓެޑުން ކުރި ހޯދީ 1-3 ގެ ނަތީޖާ އަކުންނެވެ. ނުވަ މެޗުގެ ދިގު އިންތިޒާރަކަށް ފަހު ލުކާކޫ ވަނީ ރޭގެ މެޗުގައި ޔުނައިޓެޑަށް ދެ ގޯލު ޖަހައިދީފައެވެ.

މެންޗެސްޓާ ޔުނައިޓެޑްއާއި ކްރިސްޓަލް ޕެލަސް ވާދަ ކުރި މެޗަުގެ ރޮމެލޫ ލުކާަކޫ ގޯލު ޖެހުމަށްފަހު --- ފޮޓޯ/ ސަޗާ ޕިސަނީ

މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި ބަލި ވެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ލިވަޕޫލްގެ ކައިރިންނެވެ. ހޯސޭ މޮރީނިއޯގެ ފަހު މެޗުގައި ޔުނައިޓެޑް ބަލިވި ބަލިވުމަށްފަހު އެ ޓީމުގެ އައު ކޯޗު އޮލެ ގުނަ ސޯލްޝަޔާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ޓީމުގެ މުހިއްމު ގިނަ ކުޅުންތެރިން ތަކެއް މިވަގުތު އަނިޔާގައި ތިބި މެންޗެސްޓާ ޔުނައިޓެޑް މިވަގުތު އޮތީ ތާވަލުގެ ފަސް ވަަނައިގަ އެވެ.

"އަހަރަމެން ބޭނުން ވަނީ މިގޮތުގައި ހިފަހައްޓާ ގިނަ ގޯލުތައް ޖަހާ ބައި ކޮޅަށް ގޯލު ވަދުނަ ނުދޭން. ރޭގެ މެޗު ކޮންޓްރޯލް ކޮށް ޓީމު ވަރަށް ރަނގަޅަށް ކުޅުނު،" ރޭ މެޗަށް ފަހު ނޫސް ވެރިންނާއި ވާހަކަ ދައްކަމުން ލުކާކޫ ބުންޏެވެ.

މި ސީޒަނުގައި ޔުނައިޓެޑުން އެންމެ މޮޅަށް ކުޅެމުން އަންނަނީ ލޫކް ޝޯ ކަމަށާއި ރޭގެ މެޗުގައި ގޯލު ޖެހުމައް އޭނަ އެސިސްޓް ކޮށްދިނީތީ އުފާ ކުރާކަމަށް ލުކާކޫ ވަނީ ބުނެފައެވެ.

ލުކާކޫގެ ފުރަތަމަ ހާފު ދެ ގޯލާއި އެކު ޔުނައިޓެޑުން ލީޑު ނަގާފައި ވަނިކޮށް ކްރިސްޓަލް ޕެލަސް އިން ވަނީ ގޯލެއްޖަހާ ލީޑް ހަނި ކޮށްފައެވެ. ނަމަވެސް މެޗު ނިމުމުގެ ކުރިން ޔުނައިޓެޑްގެ ކެޕްޓަން އޭޝްލީ ޔަންގް ވަނީ ގޯލެއް ޖަހާ ޔުނައިޓެޑްއަށް އެ މެޗުން ތިން ޕޮއިންޓް ޔަގީން ކޮށްފައެވެ.