ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޑީޕީއާރުއެސް ހިންގެވުމާ ހަވާލުވެ ހުންނެވި މުހަންމަދު ނައީމް ]މޮނާޒާ[ގެ މައްޗަށް ކޮރަޕްޝަނާއި ހިޔާނާތުގެ ތުހުތުތަކެއްކޮށް، އެ މައްސަލަތައް ބަލައި ދިނުމަށް އެދި، ތިން މުއައްސަސާއަކަށް ޑީޕީއާރުއެސްގެ މުވައްޒިފުން ސިޓީއެއް ފޮނުވައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނާއި [އޭސީސީ] އާއި އޮޑިޓާ ޖެނެރަލް އަދި ހޯމް މިނިސްޓަރު ހަސަން އަފީފަށް އިއްޔެ ފޮނުވާފައިވާ އެ ސިޓީތަކުގައި ބުނަނީ ނައީމް ހޯމް މިނިސްޓްރީގަ އާއި ޑީޕީއާރުއެސްގައި ވެސް މަސައްކަތް ކުރައްވާ އިރު ހާޒިރީގައި ސޮއި ކުރައްވާފައި ނުވާ ކަމަށާއި ސައިން އިން ކާޑު ދިނުމުން ވެސް އެ ކާޑު "އެއްލާލި" ކަމަށެވެ. އެހެންވުމުން ނައީމް އޮފީހަށް ވަޑައިގަތް ދުވަހެއް، ސަލާމުގައި ހުންނެވި ދުވަހެއް އަދި ޗުއްޓީގައި ހުންނެވީ ކިތައް ދުވަސްކަމެއް ވެސް ނޭނގޭ ކަމަށާއި ނައީމް "އެންމެ ލާރި ފޮއްޗެއް ވެސް އުނި ނުކޮށް" މުސާރަ ބަރާބަރަށް ނަންގަވާފައިވާ ކަމަށެވެ.

"މި ކަމަކީ މާލިއްޔަތުގެ ގާނޫނާ ފުށޫއަރާ އަދި ކަނޑައެޅިގެން ހިޔާނާތެއް ކަމަށްވާތީ، މިކަން ބައްލަވައި ތަހުގީގުކޮށްދެއްވުން އެދެމެވެ،" އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް އަށާއި އޭސީސީގެ ރައީސް ހަސަން ލުތުފީ އަށް ފޮނުވި ސިޓީ ނިންމާލަމުން ބުނެފައިވެ އެވެ.

ސަން އަށް ކޮޕީލިބިފައިވާ ތިން ސިޓީގެ ތެރެއިން ހޯމް މިނިސްޓަރު އަފީފަށް ފޮނުވި ފަސް ސޮފުހާގެ ސިޓީގައި ނައީމް ހިޔާނާތަށް މަގުފައިވާ ގޮތަށް ކުރައްވާފައިވާ ކަމަށް ބުނާ 15 ކަމެއް ވަނީ ފާހަގަކޮށްފަ އެވެ. އެ ކަންތައްތަކުގެ ތެރޭގައި ނައީމް ޕެނިޓެންޝަރީއާ ހަވާލުވެވަޑައިގަން ފަހުން ޖަލުގެ ކަންކަން ބޮއްސުންލައިގެން ގޮސްފައިވާ ކަން ފާހަގަކޮށް، އައްސޭރި ޖަލާއި މާލޭ ޖަލުގެ މުވައްޒިފުންގެ އެ ސިޓީގައި ބުނަނީ "ވަރަށް އާދައިގެ" ގޮތަކަށް ހަދާފައި ހުރި މާފުށީ ޖަލުގެ ޕެންޓަގަން އަށް ނުރައްކާތެރި ކުއްވެރިންތަކެއް ބަދަލުކުރުމުން އެތަނަށް "ބޮޑަތި ގެއްލުންތަކެއް" ލިބިފައިވާ ކަމަށެވެ. އަދި "ގިނަ އަދަދެއްގެ މަސްތުވާތަކެތި" ޖަލަށް ވައްދަނިކޮށް ފެނިގެން ސަސްޕެންޑް ކުރި ކަމަށް ބުނާ ތ. ތިމަރަފުށީ މީހެއްގެ މައްސަލަ ފުލުހުން ބަލަމުން ދަނިކޮށް އޭނާ އަށް އަލުން ނައީމް ވަޒީފާ ދެއްވި ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ. އަދި ޖަލުތަކުގެ މެއިންޓަނެންސް ކޮންސަލްޓެންޓެއްގެ ގޮތުގައި ނައީމް އަމިއްލަ އޮފީހުގެ މުވައްޒަފަކަށް ވަޒީފާ ދެއްވާފައިވާ ކަމަށާއި ޖަލުތަކުގައި ބޭނުން ކުރަން ފުލުހުން ހަދިޔާކުރި ފަސް ވެހިކަލް ވެސް ޖަލަށް ނުފޮނުވާ އެތަނުން އެއްވެހިކަލް ނައީމްގެ "އަމިއްލަ ކަންކަމަށް" ބޭނުން ކުރައްވަމުން ގެންދާ ކަމަށެވެ. އަދި "ޕްރިޒަން އޮފިސަރަކު" ނައީމްގެ ބޮޑީގާނޑަކަށް ގެންގުޅުއްވާ ކަމަށް ވެސް އެ ސިޓީގައި ބުނެ އެވެ. އަދިވެސް އެ ސިޓީގައި ބުނަނީ ޖަލުތަކުގެ ހަރަދުތައް ބޮޑުވެ ސިއްހީ މައްސަލަތައް ޖަލުތަކުގައި ދިމާވަމުން އަންނަ ކަމަށެވެ. އަދި ޕެރޯލްގެ މަސައްކަތްތައް ހުއްޓާލާފައި ވުމާއި "ދެވަނަ ފުރުސަތު ޕުރޮގުރާމުގައި ނުހިންގާ، އެކި ޕްރޮގްރާމްތަކަކީ ހިންގާ ޕްރޮގްރާމްތަކެއް ކަމަށް ބުނެ ވާހަކަ ދައްކާ ނައީމް ދޮގުހަދާ" ފައިވާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

ހޯމް މިނިސްޓަރު ހަސަން އަފީފަށް ކުޑައިމިސްކޮށް މުވައްޒަފުން ކުރިމަތީ ވާހަކަ ދައްކާ "ވަޒީފާގައި ބަހައްޓާނީ ބޭނުން މުވައްޒިފެއް ކަމަށް" ބުނާ ކަމަށެވެ. އެސިޓީއާއި އެކު އެ މުވައްޒަފުން ވަނީ ނައީމް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރާ ކަމަށް ބުނާ ސީސީޓީވީ ފުޓޭޖްތަކަކާއި ހަރަދުތަކުގެ ތަފްސީލުގެ ކޮޕީ ވެސް އެޓޭޗްކޮށްފަ އެވެ.
އެ ސިޓީތަކާ ގުޅޭ ގޮތުން ނައީމާ މިއަދު ގުޅާލުމުން ވިދާޅުވީ "މިވަގު މިއިނީ މީޓިއެއްގައި" ކަމަށާއި ބައިގަޑި އިރު ފަހުން ގުޅުމަށެވެ. ނަމަވެސް ފަހުން ފޯނު ކުރުމުން ނައީމު ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

އެ ފަދަ ސިޓީއެއް ލިބިފައިވޭތޯ ދެން ނެވުމުން ހޯމް މިނިސްޓަރު އަފީފު އިއްޔެ ވިދާޅުވީ"މަށަށް ލިބިފައި" ނުވާ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ މައްސަލައެއް ތަހުގީގު ވެސް ނުކުރައްވާ ކަމަށެވެ. އޭސީސީން ބުނީ އެފަދަ ސިޓީއެއް ލިބިފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ.

އެ ސިޓީ ރައްދުވާ އެއްފަރާތް އޮޑިޓް އޮފީހުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.