28 Feb 2019, 10:14
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާ ވާދަ ކޮށް ބަލިވި މެޗަށްފަހު ލިވަޕޫލްއާއި މެންޗެސްޓާ ސިޓީއާ ވާދަކޮށް ތަށި ހޯދުމަކީ ވާނެ ކަމެއް ނޫން ކަމަށް ޓޮޓެންހަމްގެ ކޯޗު މޯރީޝިއޯ ޕޮޗެޓީނޯ ބުނެފިއެވެ.
ޗެލްސީގެ ސްޓެމްފޯޑް ބުރިޖުގައި ރޭ ކުޅެވުނު އެ މެޗު ޗެލްސީއިން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއަކުންނެވެ. އަދި އޭގެ ކުރިންް ބާންލީ އާ ބައްދަލު ކުރި މެޗުންވެސް ބަލިވެފައިވާ ޓޮޓެންހަމްގެ ކޯޗު ރޭގެ މެޗަށްފަހު ޓީމުގެ ކުޅުމާއި ދޭތެރޭ ވަނީ ހިތްހަމަ ނުޖެހުން ފާޅު ކޮށްފައެވެ. އަދި ފަހަކަށް އައިސް ޓޮޓެންހަމްގެ ކުޅުމައް ބަލާ މިއަހަރުގެ ތަށި ކާމިޔާބު ކުރުމައް އެންމެ ކުރީގައި އޮތް ލިވަޕޫލްއާއި ސިޓީއާއި ވާދަ ކުރުމަކީ ނުވާނެ ކަމެއް ކަމަށް ޕޮޗެޓީނޯ ވަނީ ބުނެފައެވެ.

ޓޮޓެންހަމް އާއި ޗެލްސީ ބައްދަލު ކުރި މެޗުގައި، ޕެޑްރޯ ރޮޑްރިގުއެޒް ގޯލު ޖެހުމަށް ފަހު --- ފޮޓޯ/ ޖެކް ޑޭވިސް
ރޭގެ މެޗުގައި ޓޮޓެންހަމް ބަލިވުމާއި ގުޅިގެން އެ ޓީމު ވަނީ ދެވަނައިގައި އޮތް ސިޓީއާއި ދެމެދު އަށް ޕޮއިންޓަށް ފަރަގު ބޮޑުވެފައެވެ. ލީގުގެ 28 މެޗު މިހާތަނަށް ޓޮޓެންހަމް ކުޅެފައިވާ އިރު އެ ޓީމަށް ލިބުނީ 60 ޕޮއިންޓެވެ. ހަތަރު ވަނަ، ފަސް ވަނަ އަދި ހަ ވަނައިގައި އޮތް ޓީމު ތަކުން އަރާ ހަމަ ކުރަމުންދާއިރު ޓޮޓެންހަމް އަށް ވަނީ ބޮޑެތި މައްސަލަ ތަކެއް ކުރިމަތި ވެފައެވެ.
"އަހަރުމެން މި މެޗުން ބަލިވީ ހެދި މިސްޓޭކް ތަކުގެ ސަބަބުން. އަހަރަމެންގެ ކުޅުމުގެ ވައްޓަފާޅިއަށް ނުކުޅެވުނީމަ ވަރަށް މާޔޫސްވެފައި މިހުރީ. މިގޮތައް ކުޅެގެން ނުވާނެ ޗެލްސީ ފަދަ ބޮޑެތި ކުލަބުތައް ކައިރިން މޮޅެއް،" ބީބީސީ ނިއުސްއަށް މައުލޫމާތު ދެމުން ޕޮޗެޓީނޯ ބުންޏެވެ.
މި މުބާރާތަކީ 10 މަސް ދުވަހުގެ ދިގު މުބާރާތެއް ކަމުން ގިނަ މައްސަލަތައް ދުވަސްތައް ދާ ވަރަކަށް ކުރިމަތި ވާނެ ކަމަށާއި ލީގުގެ ފުރަތަމަ ދުވަސްވަރު ކާމިޔާބީ ލިބުނަސް މިހާރު ލިބެނީ މާޔޫސްވާން ޖެހޭ ފަދަ ނަތީޖާތަކެއް ކަމަށް ޕޮޗެޓީނޯ ވަނީ ބުނެފައެވެ.
ރޭގެ މެޗުގައި ޗެލްސީއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިދިޔަ ހަފްތާ އިނގިރޭސި ލީގު ކަޕުގައި މެންޗެސްޓާ ސިޓީ ކައިރިން ޕެނަލްޓީ ޖެހުމަށް ފަހު ބަލިވި މެޗުން އިބްރަތް ލިބިގަނެ ޗެލްސީއިން ވަނީ ތަފާތު ދައްކާފައެވެ.
ޕެޑްރޯ ރޮޑްރިގުއެޒްގެ ހިތްގައިމު ގޯލެއްގެ އިތުރުން ޓޮޓެންހަމްގެ ޑިފެންޑަރު ކިއެރެން ޓްރިޕިއާ އަތުން ބައި ކޮޅަށް ވަތް މި ގޯލާއި އެކު ޗެލްސީ ވަނީ ރޭގެ މެޗުން ލިބުނު މޮޅާ އެކު ފަސް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑްއާ ދެ ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފައެވެ.