ދިއްލީ (ފެބްރުއަރީ 28): ޕާކިސްތާނުން އިއްޔެ ވައްޓާލި އިންޑިއާގެ ފައިޓާ ޖެޓުގައި އިން ޕައިލެޓު ދޫކޮށްލަން އިންޑިއާއިން ގޮވާލައިފި އެވެ.

އިއްޔެ ހިނގި އެހާދިސާއާ ބެހޭ ގޮތުން ޕާކިސްތާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު މޭޖާ ޖެނެރަލް އާސިފް ޣަފޫރު ވިދާޅުވި ގޮތުގައި، އިއްޔެ ޕާކިސްތާނުގެ ޖެޓުތަކެއް ވަނީ ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅިއަށް ހަމަލާތަކެއް ދީފަ އެވެ. އޭގެ ފަހުން ކަޝްމީރުގައި ޕާކިސްތާނުން ވެރިކަން ކުރާ ފަޅިއަށް އިންޑިއަން އެއާ ފޯސްގެ ދެ ޖެޓެއް ހުރަސް ކުރުމުން، ޕާކިސްތާނުން އެޖެޓުތަކަށް ހަމަލާދީ ވައްޓާލީ އެވެ.

އިންޑިއާ އިން ވަނީ ޕާކިސްތާނުން ދިން ހަމަލާއެއްގައި އެގައުމުގެ ޖެޓެއް ވެއްޓި، އޭގައި އިން ޕައިލެޓު ވިންގް ކޮމާންޑާ އަބީނަދާން ވަރުތަމާން "ގެއްލިފައިވާ" ކަމަށް ބުނެފަ އެވެ.

އެވައްޓާލި ޖެޓުގައި އިން ޕައިލެޓަށް އާއްމު ރައްޔިތުން ހަމަލާދޭ މަންޒަރާއި، ޕާކިސްތާނުގެ ސިފައިން އެހަމަލާ ހުއްޓުވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ. އަދި ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓްރީން ފަހުން ވަނީ ވަރުތަމާން ކަމަށް ބެލެވޭ މީހަކު، ކަނުބަނދެފައި އިންނަ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުކޮށްފަ އެވެ. އެމިނިސްޓްރީން ފަހުން ވަނީ އެވީޑިއޯ ޑިލިޓުކޮށްފަ އެވެ.

ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓްރީން އާއްމު ކުރި ވީޑިއޯއަކުން ޕައިލެޓު ކަނުބަނދެފައި އިން މަންޒަރު ފެނުނު -- ފޮޓޯ: އިންްފޮމޭޝަން މިނިސްޓްރީ

އަދި ފަހުން އަޕްލޯޑުކޮށްފައިވާ ވީޑިއޯއަކުން، އެޕައިލެޓު ސައި ބޯން ހުންނަ މަންޒަރު ފެނެ އެވެ. އަދި ކުރީގެ ވީޑިއޯގައި ވަރުތަމާން ފެނުނު އިރު އޭނާގެ މޫނުގައި ލޭ ހުރި ނަމަވެސް، ފަހުގެ ވީޑިއޯއިން ލެއެއް ނުފެނެ އެވެ.

ޕާކިސްތާނުގެ ދައުލަތުގެ މީޑިއާ އިން ދެއްކި ވީޑިއޯއެއްގައި ވަރުތަމާން ވަނީ ޕާކިސްތާނުގެ އަސްކަރިއްޔާއިން އޭނާއަށް އަޅާލަމުންދާ ކަމަށް ބުނެފަ އެވެ. އަދި އިންޑިއާއަށް އަނބުރާ ދިޔުމަށް ފަހު އޭނާގެ ވާހަކަ ބަދަލު ނުކުރާނެ ކަމަށް ވެސް ބުނެފަ އެވެ. ނަމަވެސް ވަރުތަމާންގެ މިޝަންއަކީ ކޮބައިތޯ އެހުމުން އެސުވާލަށް ޖަވާބުދޭން ދެކޮޅު ހަދާފަ އެވެ.

ޕާކިސްތާނުން އިންޑިއާގެ ޖެޓުތަކެއް އިއްޔެ ވައްޓާލީ، ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް ކައިރީ ހުރި ޖައިޝް މުހައްމަދުގެ ކޭމްޕުތަކަކަށް ހަމަލާދިން ކަމަށް އިންޑިއާ އިން މިދިޔަ އަންގާރަ ދުވަހު ބުނި ފަހުންނެވެ. އިންޑިއާއިން ބުނި ގޮތުގައި އެހަމަލާތަކުގައި ގިނަ އަދަދެއްގެ ޓެރަރިސްޓުން މަރުވި އެވެ. ނަމަވެސް ޕާކިސްތާނުން ބުނި ގޮތުގައި އިންޑިއާގެ ޖެޓުތައް އެގައުމުގެ ވައިގެ ސަރަހައްދަށް ވަދެ ދިން ހަމަލާ އަމާޒުވީ މީހުން ދިރިނޫޅޭ ސަރަހައްދަކަށެވެ. އަދި އެހަމަލާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެ އެވެ.

ޖައިޝް މުހައްމަދަކީ މިމަހުގެ 14ގައި، ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅީގައި ވަރުގަދަ ހަމަލާއެއްދީ އިންޑިއާގެ 40 އަށް ވުރެ ގިނަ ސިފައިން މަރާލި ޖަމާއަތެވެ.