މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރާ މަސައްކަތުގެ ތެރެއިން މާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަން ތަކެއްގައި މަސްތުވާތަކެއްޗާއެކު 11 ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލަތަކާ ގުޅިގެން ހައްޔަރުކުރީ 17 އަހަރާއި 33 އަހަރާއި ދެމެދުގެ 11 މީހުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ނުވަ ފިރިހެނަކާއި 20 އަހަރުގެ އަންހެނެއްގެ އިތުރުން 18 އަހަރުން ދަށުގެ ކުއްޖެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި 11 މީހުން ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށްފަހު، އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތު ތަކަކާއި ގުޅިގެން ހިންގި އޮޕަރޭޝަން ތަކެއްގައި ކަމަށެވެ.

އެގޮތުން ފެބުރުއަރީ 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގެ ތެރެއިން މާފަންނުގެ ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ދެ ކޮތަޅު އެގެއިން ފެނިފައިވާ ކަމަށާއި މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ މީހަކާއި 33 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް 33 އަހަރުގެ މީހާއަށް ދީފައިވާއިރު 24 އަހަރުގެ މީހާއަށް ދިނީ އެއް ދުވަހުގެ ބަންދުގެ މުއްދަތެއް ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން މިމަހުގެ 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މާފަންނުގެ އިތުރު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ދެ ކޮތަޅުގެ އިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 23 ސެލޯފިންކޮޅު އެގެއިން ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުއްޖަކާއި 20 އަހަރުގެ އަންހެނެއްގެ އިތުރުން ފަސް ފިރިހެނުންނެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ހަތް މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރިކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތެއް 18 އަހަރުން ދަށުގެ ކުއްޖާއަށް ދީފައިވާއިރު 20 އަހަރުގެ އަންހެންމީހާއަށް ނުވަ ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ. އަދި 23 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެއްގެ އިތުރުން 30 އަހަރުގެ މީހަކަށް 12 ދުވަހުގެ މުއްދަތެއް ދީފައިވާއިރު 20 އަހަރުގެ މީހަކާއި 23 އަހަރުގެ މީހަކަށް ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވެއެވެ.

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށްފަހު، އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފެބުރުވަރީ 26ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ގަލޮޅުގެ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 73 ރަބަރު ޕެކެޓު އެގެއިން ފެނިފައިވާކަމަށާއި އެ މައްސަލާގައި 23 އަހަރުގެ ދެމީހުން ހައްޔަރު ކުރިކަމަށް ފުލުހުން ބުންޏެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރިކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މި ތިން މައްސަލަވެސް ފުލުހުންގެ ޑްރަގް އެންފޯސްޓްމަންޓް ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.