28 Feb 2019, 09:17
ދިވެހިރާއްޖޭގެ ތާރީޚު މި ޒަމާނުގައި ކިޔަވައިދޭން ޖެހެނީ މި ޒަމާނުގެ ގޮތަށް، މި ޒަމާނުގެ ވަސީލަތްތަކާއި އުސްލޫބުތައް ބޭނުން ކޮށްގެން ކަމަށް މިނިސްޓަރު އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ "ގައުމީ ތާރީޚު ދުވަސް" ފާހަގަ ކުރުމުގެ ގޮތުން ދިވެހިބަހުގެ އެކަޑަމީން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔުމްނާ ވިދާޅުވީ، މީހަކު ދައްކާ ވާހަކަ އަޑު އަހަން މާ ގިނަ އިރު ތިބުމަކީ އުނދަގޫ ކަމެއް ކަމަށާއި އެހެންކަމުން ތާރީޚުގެ ފިލާވަޅުތައް ކިޔަވައިދޭން ގިނަ ވަގުތު ވާހަކަ ދެއްކުމުގެ ބަދަލުގައި އުފައްދާންވީ ތާރީޚު ދަސްކޮށްދޭ ޑޮކިއުމެންޓަރީ އާއި އެޕްލިކޭޝަންތައް ފަދަ މި ޒަމާނުގެ ކުދީން ޝައުގުވެރިވާ ފަދަ ތަކެތި ކަމަށެވެ.
ދިވެހިރާއްޖޭގެ ތާރީޚަކީ ދަރިވަރުން ކިޔަވާ ހިތްވާ ފަދަ މާއްދާއަކަށް ހަދައި، ތާރީޚު ދިރާސާކުރަން ޒުވާނުންގެ ވެސް ޝައުގުވެރިކަން އިތުރުކުރަން ޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ޔުމްނާ ވިދާޅުވި އެވެ.
"ތާރީޚަށް ޝައުގުވެރިވާ ޒުވާނުން އުފައްދައި ތާރީޚަކީ ކިޔަވާ ހިތްވާ ފަދަ މާއްދާއަކަށް ހަދަންޖެހޭ،" ޔުމްނާ ވިދާޅުވި އެވެ.
އަމިއްލަ ފަރުދުންނާ ދިމާވާ ކަންކަމުގެ ހަނދާންތައް މުހިންމު ވާ ފަދައިން ގައުމެއްގެ ހަނދާންތަކަކީ ގައުމުގެ ނިސްބަތުގައި މުހިންމު ކަމެއް ކަމަށް ވެސް މިނިސްޓަރު ޔުމްނާ ވިދާޅުވި އެވެ.
"ކުރީގެ ތަޖުރިބާތަކާއި ހަނދާންތައް އަޅުގަނޑުމެންނަށް މުހިންމުވޭ. ހަމައެހެންމެ ގައުމެއްގެ ހަޔާތުގައި ވެސް ގައުމެއްގެ ހަނދާންތައް މުހިއްމު، މިސާލަކަށް މީހަކު އެއް ދުވަހު ހޭލާ އިރު، އޭނާގެ ހަޔާތުގެ ކުރީގެ އެއްވެސް ކަމެއް ހަނދާން ނެތިއްޔާ ދެން ވާނީ ކިހިނެއް ތޯ؟"، ޔުމްނާ ސުވާލުކުރެއްވި އެވެ.
ދިވެހި ތާރީޚު ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގެ ޝަރަފުވެރި މެހުމާނަކީ ސިއްހަތާ ބެހޭ ވަޒީރު އަލްފާޟިލް ޢަބްދުﷲ އަމީންއެވެ. މި ޖަލްސާގައި ޝަރަފުވެރި މެހުމާނާއި ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރުގެ އިތުރުން ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފު ޢަލީއާއި ކަލްޗާ މިނިސްޓްރީގެ އެނަލިސްޓް އަޙްމަދު ޢަލާ ވާހަކަފުޅު ދެއްކެވިއެވެ.
މި ޖަލްސާގައި ވަނީ ދިވެހި ތާރީޚަށް ހިދުމަތް ކުރުމުގެ ރޮނގުން 11 ބޭފުޅަކަށް އަގު ވަޒަން ކުރުމުގެ ފިލާ އަރުވައިފައެވެ. އަގު ވަޒަންކުރުމުގެ ފިލާ ލިބިވަޑައިގަތް ބޭފުޅުންގެ ތެރެއިން ޖަލްސާގައި ވާހަކަފުޅު ދެއްކެވީ އަލްފާޟިލް އިމާދު ލަތީފެވެ.
ދިވެހި ތާރީޚު ދުވަސް ފާހަގަ ކުރަނީ ދިވެހިރާއްޖޭގެ ތާރީޚު އެންމެ ފުރަތަމަ ލިޔުއްވާން ފެއްޓެވި އަލްގާޒީ ޙަސަން ތާޖުއްދީން އަވަހާރަވި ދުވަހަށް ނިސްބަތްކޮށްގެންނެވެ.