11 Oct 2011, 16:46
އެއްމެދު އިމާރާތެއްގައި ހުންނަ ވަކިވަކި ފްލެޓްތައް ވަކިވަކި މީހުންނަށް މިލްކުކޮށް ވިއްކޭނެ އުސޫލުތައް ކަނޑައަޅައި ސްޓްރާޓާ އުސޫލުން އިމާރާތް ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބަހުސް ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް، ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅުއްވަމުން ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވީ ސްޓްރާޓާ އުސޫލުން މިލްކު ކުރުމުގެ ހަމަތައް ބަޔާން ކުރާ މި ބިލުން ހާސިލް ވާނެ އެންމެ މުހިއްމު ދެ އަމާޒަކީ ގިނަ މީހުންނަށް ރަޖިސްޓްރީކޮށްފައިވާ ކުދި ބިންކޮޅު އެންމެން އެއްބަސްވާ ހަމައެއްގެމަތިން ތަރައްގީވެގެން ދިއުމާއި ރާއްޖޭގައި ހިނގަމުން އަންނަ ރިއަލްއެސްޓޭޓް ވިޔަފާރި ފުޅާވެ، ގާނޫނީ އިތުރު ފުރިހަމަކަމެއް ލިބުން ކަމަށެވެ. އަދި މި ބިލު ގާނޫނަކަށްވާތާ 12 މަސް ދުވަހުގެ ތެރޭގައި، ބިމާ ބެހޭ ގާނޫނުގެ ދަށުން އެއްމެދު އިމާރާތުގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ އިމާރާތްތައް ބިލްގެ ނިޒާމުގެ ތެރެއަށް ބަދަލުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ބިލަށް ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ވެސް ވަނީ ބިލަށް ތާއީދު ކުރައްވައިފަ އެވެ. އެ މެންބަރުން ވިދާޅުވީ މި ބިލުގެ ސަބަބުން އިމާތާރް ކުރުމުގެ ވިޔަފާރީގައި އިންވެސްޓް ކުރާ ފަރާތްތަކަށް އިތުބާރު ލިބިގެންދާނެ ކަމަށެވެ. އަދި ކަމާ ބެހޭ ގާނޫނުތައް ނެތުމުގެ ސަބަބުން އިމާރާތް ކުރުމަށް އިންވެސްޓް ކުރުމަށް ޖެހިލުންވެފައިވާ ފަރާތްތަކަށް މި ގާނޫނުގެ ސަބަބުން ގާނޫނީ ގޮތުން ހިމާޔަތެއް ލިބިގެންދާނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.