27 Feb 2019, 23:19
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެޑިއުކޭޝަން އެކްސްޕޯ މާދަމާ ފަށާގޮތަށް ހަމަޖައްސައިފި އެވެ.
އަސަރީ ސާވިސާސް ޕްރިމިއާ އިވެންޓް މެނޭޖްމަންޓް އިން މާދަމާ ފަށާ "މޯލްޑިވްސް އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ 2019"ގައި 48 ފަރާތަކުން ބައިވެރިވާކަމަށް އެ ކުންފުނިން ބުންޏެވެ. އޭގެ ތެރޭގައި ކޮލެޖުތަކާއި ޔުނިވާސިޓީތައް ހިމެނޭގޮތަށް 46 ފަރާތެއް ހިމެނެއެވެ.
އެ ފެއާއާ ގުޅޭގޮތުން މިއަދު ހަވީރު ޝީ ބިލްޑިންގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަސަރީގެ އިވެންޓް ޑައިރެކްޓަރު އައިޝަތު މުއީނާ ވިދާޅުވީ އެކްސްޕޯ މާދަމާ ހަވީރު 6:00 އިން ރޭގަނޑު 10:00 އަށް ކުރިއަށްދާނެ ކަމަށެވެ. އަދި ހުކުރު، ހޮނިހިރު ދުވަހު މެންދުރުފަހު 3:00 އިން ރޭގަނޑު 10:00 އަށް ކުރިއަށްދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ އެކްސްޕޯގައި ފަސް ސެމިނާރެއް ހުކުރު އަދި ހޮނިހިރު ދުވަހު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އެކްސްޕޯތެރޭގައި ހާއްސަ ފުރުސަތުތަކެއް މާކެޓާސް ފޯރަމް އެއް. މިވެސް ހަމަ ދަރިވަރުންތަކާއި އިންސްޓްޓިއުޝަންތަކަށް ހުޅުވިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް. މާކެޓާސް ފޯރަމްއަށް ވަރަށް ހާއްސަކޮށް ވަރަށް އަގުހެޔޮކޮށް ބައިވެރިވުމުގެ ފުރުސަތު އެކްސްޕޯއަށް ވަޑައިގަތުމުގެ ފުރުސަތު ވަނީ ހުޅުވެފައި. އަދި އައިިސިކް އިންޓަނޭޝަނަލް ސްޓޫޑަންޓް ކާޑްގައި ރަޖިސްޓްރީ ވުމުގެ ފުރުސަތުވެސް ދަރިވަރުންނަށް ހުޅުވިފައި މިވަނީ. ދަރިވަރުންނަށް ދުނިޔޭގެ އެކި ހިސާބުތަކުން ޑިސްކައުންޓެއް ލިބިގެންދާނެ ކާޑެއް މިއީ،" އޭނާ ވިދާޅުވިއެވެ.
މުއީނާ ވިދާޅުވީ އެ އެކްސްޕޯގައި ސްރިލަންކާ، މެލޭޝިއާ، ތައިލެންޑް ސުވިޒަލޭންޑް، ޖަރުމަނު ފަދަ ގައުމުތަކުގެ ޔުނިވާސިޓީތަކުން ބައިވެރިވާ ކަމަށާއި އަދި މުޅިއެކު 500 އެއްހާ ކޯސްތަކާ ބެހޭ މައުލޫމާތު ލިބިގެން ދާނެ ކަމަށެވެ.
އެ އެކްސްޕޯގައި ރާއްޖޭގެ ހަތް ކޮލެޖަކުންވެސް ބައިވެރިވެއެވެ.