ގޮތްނޭނގޭ މަރުތަކާއި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގްކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ރިޔާސީ ކޮމިޝަނަށް މަޖިލީހުގެ ތެރެއިން ބާރުތައް ނުލިބި ލަސްވާތީ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ތަރުޖަމާނު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ ރިޔާސީ ކޮމިޝަންގެ ބިލް ފާސްނުވެ އެތައް ދުވަހެއް ފާއިތުވެ ދިއުމަކީ ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް އޭގެ ލިބުމުގައި ވަރަށް ގިނަ ދަތިތަކެއް އޮތް ކަމެއް ކަމަށް އެމްއާރުއެމްއިން ދެކޭ ކަމަށެވެ.

"މިކަން ލަސްވުމަކީ އެމްއާރުއެމްގެ ވަރަށް ކަންބޮޑުވުން އޮތް ކަމެއް. ސަބަކަށް ވަނީ ރައީސް މައުމޫން އަބްދުލް ގައްޔޫމް މި ހިނގާދިޔަ ބޮޑެތި ކޮރަޕްޝަންތަކާ ދެކޮޅަށް ފުރަތަމަ ވަކާލާތު ކުރާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް އެއީ އެމަނިކުފާނުގެވެސް ވަރަށް ބޮޑު ކަންބޮޑުވުމަކަށް އެކަން މިވަނީ ވެފަ،" ތަޒްމީލް ވިދާޅުވިއެވެ.

ތަޒްމީލް ވިދާޅުވީ އާންމު ރައްޔިތުންނަށް މުޅި ދިވެހި ދައުލަތާ ގުޅިފައި އޮތް ހުރިހާ ކަންކަމުގައި ސަރުކާރުގެ ފަރާތުން ސަރުކާރަށް ލިބެން ޖެހޭ އެއްބާރުލުން ދިނުމަށް އެމްއާރުއެމްއިން ވަރަށް ބޮޑަށް އެދޭ ކަމަށެވެ.

އަދި ވީ އެންމެ އަވަސް ފުރުސަތެއްގައި މިފަދަ ރައްޔިތުންނާއި ދައުލަތާ ގުޅުން ހުރި ހާއްސަ މައްސަލަތަކުގައި ގާނޫނީ ގޮތުން ރައީސް އުފައްދަވާފައިވާ ކޮމިޝަންތަކަށް ލިބެން ޖެހޭ ބާރު ރަައްޔިތުންގެ މަޖިލިސްގެ ތެރެއިން ލިބޭނޭގޮތް ހައްދަވަައިދެއްވުމަށް އޭނާ ވަނީ ގޮވައިލައިފައެވެ.

ރައީސް ސޯލިހު އުފެއްދެވި ދެ ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރުދޭ ގޮތަށް ހުށަހެޅި ބިލް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތާ ހިލާފަށް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ތުހުމަތުކޮށް އެ ބިލަށް ވޯޓަށް ނޭހުމަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް މިއަދު ވަނީ ނިންމަވައިފައެވެ.

މީގެ ކުރިން ތިން ފަހަރަކު އެޖެންޑާ ކުރި ނަމަވެސް އެ ފަހަރުތަކުގައި އެ ބިލަށް ވޯޓަށް އެހިފައި ނުވަނީ ގާނޫނީ އަދަދު ހަމަނުވެގެންނެވެ.

މިއަދުގެ ޖަލްސާގައި އެ ބިލަށް ވޯޓަށް އެހުމަށް އެންމެ ފުރަތަމަ އޮތީ އެޖެންޑާ ކޮށްފައެވެ. ނަމަވެސް އެ ބިލަށް ވޯޓަށް ނޭހުމަށް ނިންމި ސަބަބު ވިދާޅުވަމުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ، ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހަ މެންބަރުން ސޮއި ކުރައްވާ މައްސަލަ އެއް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ބަލާ ނިމުމުން އަލުން އެޖެންޑާ ކުރާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.