27 Feb 2019, 19:22
ހުސްވި ޖެނުއަރީ މަހު ޖެންޑާ އެންޑް ފެމެލީ މިނިސްޓްރީއަށް 274 މައްސަލަ ހުށަހަހެޅި އިރު، 47 ޕަސަންޓު މައްސަލަ އަކީ ކުޑަ ކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން ކުޑަ ކުދިންނަށް ކުރާ 128 މައްސަލައެއް އެ މިނިސްޓްރީ އަށް ވަނީ ހުށަހަޅާފައެވެ.
މިއަދު ޖެންޑާ މިނިސްޓްރީން ވަނީ، މިދިޔަ މަހު އެ މިނިސްޓްރީއަށް ހުށަހެޅި މައްސަލަތަކުގެ ތަފާސް ހިސާބުތަކުގެ ރިޕޯޓު އާންމުކޮށްފައެވެ.
އެ ރިޕޯޓުގައި ބުނާ ގޮތުން، ކުޑަކުދިންނަށް ކުރާ އަނިޔާގެ 128 މައްސަލައިގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އިހުމާލުގެ މައްސަލަތަކުގެ ގޮތުގައި 48 މައްސަލަ އެއް ވަނީ ރިޕޯޓުކޮށްފައެވެ.
އަދި ޖިންސީ ހާނީއްކައިގެ 28 މައްސަލަ ހުށަހެޅި އިރު، ޖިސްމާނީ ހާނިއްކައިގެ 21 މައްސަލަ ވަނީ ހުށަހެޅިފައެވެ.
މީގެ އިތުރުން ނަފްސާނީ ހާނިއްކައިގެ 11 މައްސަލަ، ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 10 މައްސަލައާއި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ ހަތް މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ މައްސަލައާއި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ބޭނުންކުރުމުގެ މަސަލައިގެ ދެ ބާވަތުގައި ވެސް އެއް މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

މިދިޔަ މަހު، ޖެންޑާ މިނިސްޓްރީއަށް ހުށަހެޅުނު މައްސަލަތަކުގެ ތަފާސް ހިސާބު --
ޖެންޑާ މިނިސްޓްރީއަށް މިދިޔަ މަހު ހުށަހެޅުނު އިތުރު ބާވަތްތަކުގެ މައްސަލަތަކުގެ ތަފްސީލު:
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 47 މައްސަލަ
- އޭގެ ތެރޭގައި އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ 21 މައްސަލަ ހިމެނޭ.
- މީގެ އިތުރުން، ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 14 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ 4 މައްސަލަ، އިހުމާލުވުމުގެ 3 މައްސަލަ، ރޭޕްކުރުމުގެ 3 މައްސަލަ، ޖިންސީ ހާނީއްކަކުރުމުގެ 1 މައްސަލަ އަދި ޖިންސީ ފުރައްސާރަކުރުމުގެ 1 މައްސަލަ ހިމެނޭ
ހައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުން
ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމާ ގުޅޭ 14 މައްސަލައެއް
- އޭގެ ތެރޭގައި ތަޢުލީމަށް ހުރަސް އެޅުމުގެ 12 މައްސަލަ އަދި އުފަންވުން ރަޖިސްޓްރީނުކުރުމާ ބެހޭ 2 މައްސަލަ ހިމެނޭ
އާއިލީ މައްސަލަތައް
އާއިލީ 47 މައްސަލަ
- އޭގެ ތެރޭގައި ހަޟާނާ ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 27 މައްސަލައާއި ކުދިން ބެލުމުގައި ދިމާވާ 12 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ ތިން މައްސަލަ ހިމެނޭ.
ކުށްކުރާ ކުޑަކުދިން
މި ފަދަ މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެތި ގެންގުޅުމުގެ އެއް މައްސަލަ
ކުޑަކުދިންގެ އަޚުލާޤީ މައްސަލަތައް
ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 19 މައްސަލަ
- މި ފަދަ މައްސަލަތަކުގެ ތެރޭގައި ސްކޫލަށް ދާން ބޭނުންނުވުމުގެ 8 މައްސަލަ އަދި ގެއިން ނުކުމެގެން ދިޔުމުގެ ހަ މައްސަލަ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 15 މައްސަލަ
- އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 8 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 7 މައްސަލައެވެ.
އަމިއްލަ ނަފުސަށް ގެއްލުން ދިނުން
އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ ތިން މައްސަލަ