27 Feb 2019, 18:07
ގއ. ކޮލަމާފުށީ ގެއަކުން ތިޖޫރީއެއް ވަގަށް ނެގި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަަމަށް ފުލުހުން ބުނެފި އެވެ.
ކޮލަމާފުށީ ގެއެއްގެ ތިޖޫރީ ވަގަށް ނަގައިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ރޭ 10:46 އެހައިކަށް ހާއިރު އެވެ. ފުލުހުން ކުރި މަސައްކަތުން މިހާތަނަށް އޭގެތެރެއިން 12،000 އަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ވައްކަމާ ގުޅިގެން ފުލުހުން މިއަދު ހައްޔަރުކޮށްފައި ވަނީ، 32 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނަކެވެ.
ފުލުހުން ބުނީ، ވަގަށް ނަގާފައިވާ ތިޖޫރި ހަލާކުކޮށްލުމަށްފަހު ވަލު ތެރެއަށް އެއްލާލައިފައި ވަނިކޮށް ފުލުހުން ހޯދާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދު ބަލައި ފާސްކުރަމުން ދަނިކޮށް، އެ ސަރައްދުގައި ވަޅުލާފައި ހުއްޓާ 11،010 ރުފިޔާ ފުލުހުން ވަނީ ހޯދާފައެވެ.
މީގެ އިތުރުން މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި 28 އަހަރުގެ މީހާގެ އަތުން 1000 ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.