ސްޓޮކްހޮމް (އޮކްޓޯބަރ 11) 2011 ވަނަ އަހަރުގެ އިޤްތިސާދުގެ ނޮބެލް އިނާމް، އެމެރިކާގެ އިޤްތިސާދީ ދެ މާހިރުންނަށް ދިނުމަށް ނޮބެލް އިނާމާބެހޭ ކޮމިޓީން ނިންމައިފިއެވެ. 1.5 މިލިޔަން އެމެރިކާ ޑޮލަރުގެ މި އިނާމަށް ހޮވުނު ދެ މާހިރުންނަކީ ތޯމަސް ސަރގަންޓް އާއި ކްރިސްޓިފަރ ސިމްޒް އެވެ.

މިދެ ބޭފުޅުން މިއިނާމަށް ހޮވުނީ ސިޔާސީ ނިންމުންތަކުގެ އަސަރު މުޅިއިޤްތިސާދަށް (މެކްރޯ އިކޮނޮމީއަށް) ކުރާގޮތާބެހޭގޮތުން މިދެބޭފުޅުން ކުރައްވާފައިވާ ދިރާސާތަކުގެ ފުރިހަމަ ކަމުންނެވެ. މިއިނާމް، މިދެބޭފުޅުންނަށް ދިނުމަށް ހަމަޖެހިފައިވަނީ ދެބައިކޮށްލައިގެން ބޭފުޅަކަށް ބައެކެވެ. ދެބޭފުޅުންގެ ތެރެއިން ތޯމަސް ސަރގަންޓްއަކީ ނިޔުޔޯކް ޔުނިވަރސިޓީގެ އިޤްތިސާދާބެހޭ ޕްރޮފެސަރެކެވެ. ކްރިސްޓިފަރ ސިމްޒް އަކީ ބްރިސްޓަން ޔުނިވަރސިޓީގެ ޢިޤްތިސާދާ އަދި ބޭންކިންގ ދާއިރާއާބެހޭ ފްރޮފެސަރެކެވެ.

އިޤްތިސާދީ ދިރާސާތަކަށް ނޮބެލް އިނާމް ދިނުމަށް ނޮބެލް ކޮމިޓީން ހަމަޖެއްސީ 1968 ވަނަ އަހަރުއެވެ. ޑައިނަމިޓް އުފެއްދި ސްވިޑްގެ ސައެންސްވެރިޔާ އަލްފްރެޑް ނޯބެލް އޭނާގެ ނަމުގައި އޭނާގެ މުދަލުން އިނާމް ދިނުމަށް ވަސިއްޔަތް ކުރެއްވީ 1895 ވަނަ އަހަރުއެވެ.
މިއަހަރުގެ ނޮބެލް އިނާމްތަކަށް ހޮވުނު ފަރާތްތަކަށް އެއިނާމްތައް ދިނުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހު ސްޓޮކްހޮމް ގައެވެ. ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހަކީ އަލްފްރެޑް ނޯބެލް އަވަހާރަ ވި ދުވަހެވެ. -- ރޮއިޓާސް