އައްޑޫ ސިޓީގައި 24 ގަޑިއިރު ވިޔަފާރި ކުރުމަށް ހުދައަށް އެދުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް އިން ނެރުއްވާފައިވާ ސަރކިއުލާ ގައިވާ ގޮތުގެ މަތިން، އައްޑޫގެ މީހުން ދިރިއުޅޭ ރަށްރަށުގައި އެ ހިދުމަތް ދެއްވަން ބޭނުންވާ ފަރާތްތަކުން އެ މިނިސްޓްރީން ކަނޑައަޅާފައިވާ ފޯމް މެދުވެރިކޮށް ކައުންސިލްގެ އިދާރާއަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، 24 ގަޑި އިރު ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަށް އެ ހިދުމަތް ދިނުމަށް އެދި ހުށަހަޅާ ފޯމު އަވަށު އޮފީސްތަކުން ލިބިވަޑައިގަންނަވާނެއެވެ. އަދި އެ އިދާރާގެ ވެބްސައިޓްގައި ވެސް އިއުލާންނާއެކު އެކޮނޮމިކް މިނިސްޓްރީގެ ސާކިލާ އެޓޭޗްކޮށްފައިވާނެ ކަމަށެވެ.

އެކޮނޮމިކް މިނިސްޓްރީން މިދިޔަ މަހު ނެރުނު ސާކިއުލާގައި ބުނެފައިވާ ގޮތުން، ވިޔަފާރި ކުރުމުގެ ހުއްދަ ދޭނީ އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވެފައިވާ ތަނެއްކަން ބަލައިފައި ކަމަށް ފަހު އެވެ. އަދި އެކަން ކައުންސިލުން މިނިސްޓްރީ އަށް އެންގުމުން ހުއްދަ ހޯދަން 2،000 ރުފިޔާ ގެ ފީއެއް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޖެހޭ ކަމަށް އެކޮނޮމިކް މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުނެފައިވެއެވެ.