ޝަރުއީ ދާއިރާއާއި ފަނޑިޔާރުންނާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ނުދެއްކުމަށް ކުރީގެ ނައިބު ރައީސް އަދި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޓިިކެޓްގައި ވިލިމާލެ ދާއިރާ އަށް ވާދަކުރައްވާ ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި، ވީބީ ބްރަދާސްގެ މެނޭޖިންގް ޑައިރެކްޓަރު ހަސަން ޝިޔާމް (ވީބީ ހަސަން)ގެ ކެންޑިޑެސީ ފޯމުގެ މައްސަލައިގެ ގާނޫނީ ވަކީލަކީ ޖަމީލެވެ. ސުޕްރީމް ކޯޓުން މިއަދު ވަނީ ވީބީ ހަސަންގެ ފޯމު ބަލައިގަތުމަށް ހުކުމްކޮށްފަ އެވެ.

ހުކުމަށް ފަހު، ސުޕްރީމް ކޯޓު ކުރިމަތީގައި ހުރެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖަމީލު ވިދާޅުވީ، ރާއްޖޭގެ އެކި އެކި ދާއިރާ ދާއިރާތައް އިސްލާހު ކުރުމުގެ ވާހަކަ ދެއްކުމަކީ މައްސަލައެއް ނޫން ކަމަށެވެ.

ހާއްސަކޮށް ޝަރުއީ ދާއިރާގައި މަސައްކަތް ކުރެއްވި މީހެއްގެ ހައިސިއްޔަތުން ރާއްޖޭގެ ޝަރުއީ ދާއިރާ ހަރުދަނާ ވުމަކީ އޭނާ ވެސް އެދޭ ކަމެއް ކަމަށް ޖަމީލް ވިދާޅުވި އެވެ. ނަމަވެސް ޝަރުއީ ދާއިރާއާއި ފަނޑިޔާރުންނާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ދެއްކުން ހުއްޓާ ލަން ޖެހޭ ކަމަށް ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ، އިސްލާހު ކުރަން ޖެހެނީ ހަމަ އެކަނި ޝަރުއީ ދާއިރާ ނޫން ކަމަށާއި ރާއްޖޭގެ މުޅި ނިޒާމް އިސްލާހު ކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އިސްލާހު ކުރަން ޖެހެނީ މުޅި ގައުމުގެ ހުރިހާ ނިޒާމް. އެއީކީ ހަމަ އެކަނި ޝަރުއީ ނިޒާމެއްވެސް ނޫން،"

ޖަމީލް ވިދާޅުވީ، ޝަރުއީ ދާއިރާއާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ ދެއްކުމުގެ ބަދަލުގައި ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ކުރަން ޖެހޭ ކަމަކީ އިހްލާސްތެރި މަސައްކަތެއް ކަމަށެވެ.

އެގޮތުން "ކޮބާތޯ އިސްލާޙު ކުރުމަށް ޓަކައި އަޅުގަނޑުމެން ކުރަން ޖެހޭ ކަންތައްތަކަކީ، އަކަން ފާހަގަ ކުރަން. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރެވޭނެ މަސައްކަތްތަކަކީ ކޮބާތޯ، އެކަން ފާހަގަ ކުރަން. ގާނޫނުތަކުގެ ތެރޭގައި ހުރި އުނިކަމަކީ، އެކަން ފާހަގަ ކުރަން،" ޖަމީލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް، މަޝްވަރާކުރެވި ރާއްޖެ އާއި ރާއްޖެ އިން ބޭރުން ކަމާ ބެހޭ މާހިރުން ގެންނަން ޖެހޭ ކަމަށެވެ. އަދި މި ވަގުތަކީ، ޝަރުއީ ދާއިރާގެ ބޭފުޅުންނަށް ހިތްވަރުދީ، އެބޭފުޅުން ބޭނުންފުޅުވާ ކަންތައްތައް ފާހަގަކޮށް އެހީތެރިވާން ޖެހޭ ކަމަށް ޖަމީލު ވިދާޅުވި އެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ، މިވަގުތު އަޅުގަނޑުމެން ޖެހޭނީ ހިތްވަރުދޭށޭ. [ޝަރުއީ ދާއިރާގެ] އެބޭފުޅުންނަށް ބޭނުންވާ ކަންތައްތަކަށް އަޅުގަނޑުމެން ފާހަގަކޮށް އެކަމަށް ޓަކައި އެހީތެރިވެދޭން. އަޅުގަނޑުމެން ޖެހޭނީ ޒިންމާދާރުގޮތެއްގައި އެވާހަކަ ދައްކަން،" ޖަމީލު ވިދާޅުވި އެވެ.

ޖަމީލު އެގޮތަށް ވިދާޅުވި އިރު، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އިން މިހާރު ވެސް އަދި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވި އިރު ވެސް އެންމެ ބޮޑަށް ދައްކަމުން އައި އެއް ވާހަކަ އަކީ ޝަރުއީ ދާއިރާ އިންސާފުވެރި ނޫން ކަމަށާއި އިސްލާހު ކުރަން ޖެހޭ ކަންތައްތަކެއް އެބަ ހުރި ކަމަށެވެ.

އެމްޑީޕީގެ އެޖެންޑާ 19 ގެ ދަށުން ޝަރުއީ ދާއިރާ އިސްލާޙު ކުރުމަށް ޝަރުއީ ދާއިރާއަށް ގިނަ ބަދަލުތަކެއް ގެނައުމަށް ވަނީ ހިމަނައިފަ އެވެ. އެބަދަލުތަކަކަކީ ގާނޫނު އަސާސީއާ ހިލާފު ބަދަލުތަކެއް ކަމަށް ޖަމީލު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.