ފައިނޭންސް މިނިސްޓްރީގެ އެންގުމާ ހިލާފަށް އަޕާ ނޯތު ޔުޓިލިޓީސްގެ ބޯޑް މެންބަރުން މުސާރަ އާއި އެލަވަންސްތައް އެތައް ދުހެއް ވަންދެން އިތުރަށް ނަގަމުން ދިޔަ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ސަން އަށް ކޮޕީ ލިބިފައިވާ، އަޕާ ނޯތު ޔުޓިލިޓީގެ ފެބްރުއަރީ، މާޗު މަހުގެ މުސާރަ ޝީޓް ދައްކާ ގޮތުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ވަހީދު، މުސާރަ އާއި އިނާޔަތަށް ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ ވަރަށް ވުރެ 12،610ރ. އިތުރަށް ނަންގަވާފައިވެ އެވެ. އަދި ޗެއާމަންގެ މުސާރަ އާއި އެލަވަންސަށް ފިނޭންސުން ކަނޑައަޅާފައި އޮންނަ ވަރަށް ވުރެ 17،060ރ. އިތުރަށް، ޗެއާމަން އަހުމަދު ޝަފީގު ނަންގަވާފައިވެ އެވެ. އަދި ބޯޑު އެ ނޫން ކޮންމެ މެންބަރަކު އެ ބޭފުޅުންނަށް ކަނޑައަޅާފައި އޮންނަ މުސާރަ އަށް ވުރެ، އިތުރަށް އެވްރެޖުކޮށް 3،000ރ. އަށް ވުރެ ބޮޑު އަދަދެއް ނަގަފާއިވާ ކަމަށް ވެސް ރެކޯޑްތައް ދައްކަ އެވެ.

ކުރީގެ ފައިނޭންސް މިނިސްޓަރު އަލީ ހާޝިމު ސޮއިކުރައްވައި މިދިޔަ އަހަރުގެ ޖުލައި މަހު އަޕާ ނޯތު ޔުޓިލިޓީސް އަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ އެ ބޯޑުގެ މެންބަރެއްގެ މުސާރަ އާއި އެލަވަންސްގެ ގޮތުގައި ޖުމުލަ ނެގޭނީ މަހަކު 6،500ރ. ކަމަށާއި ޗެއާމަނަށް ނެގޭނީ ޖުމްލަ 9،000ރ. ކަމަށާއި އަދި މެނޭޖިން ޑައިރެކްޓަރަށް ނެގޭނީ މުސާރަ އަށް 18،000ރ. އަދި ދެ އެލަވަންސަކާ އެކު ޖުމްލަ 24،500ރ. ކަމަށެވެ.

ނަމަވެސް މި އަހަރު ފެބްރުއަރީ މަހު 16 އިން މާޗު މަހު 15 އަށް އަޕާ ނޯތު ޔުޓިލިޓީގެ މުސާރަ ޝީޓް ދައްކާ ގޮތުން ޗެއާމަން 26،060ރ، އަދި މެނޭޖިން ޑިރެކްޓަރު 37110.74ރ. ނަންގަވާފައިވެ އެވެ. އޭގެ އިތުރަށް ބޯޑު ކޮންމެ މެންބަރަކު ގާތްގަނޑަކަށް 8000ރ. ވަރު ނަގާފައިވާ ކަމަށް ރެކޯޑްތައް ދައްކަ އެވެ.

ފައިނޭންސް މިނިސްޓްރީން އެ ކުންފުނީގެ މުސާރަ އާއި އެލަވަންސުގެ އޮނިގަނޑު މިދިޔަ އަހަރުގެ ޖުލައި މަހު އެކުލަވާލި ފަހުން ވެސް މި އަހަރުގެ މޭ މަހާ ޖެހެންދެން ވެސް އެތަނުގެ ބޯޑު މެންބަރުން މުސާރަ އާއި އިނާޔަތް ނަގާފައި ވަނީ ބޮޑުކޮށެވެ.

ޔުޓިލިޓީސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ވަހީދު މިއަދު ވިދާޅުވީ އެ ގޮތަށް މުސާރަ އާއި އިނާޔަތް ނެންގެވީ ކުންފުނީގެ ބޯޑުން ފާސްކޮށްގެން ކަމަށާއި ފިނޭންސް މިނިސްޓްރީގެ ނިންމުމާ އެއްގޮތަށް އަމަލުކުރަން ފެއްޓީ މި އަހަރު މޭ މަހުން ފެށިގެން ކަމަށެވެ.

ފައިނޭންސުގެ އެންގުމާ ހިލާފަށް ނަގާފައި ހުރި ފައިސާ އަނބުރާ ސަރުކާރަށް ދައްކަވާނަންތޯ ދެންނެވުމުން ވަހީދު ވިދާޅުވީ ބޯޑުގެ ނިންމުމަކާ އެއްގޮތަށް ނަގާފައިވާ ފައިސާ އަކަށްވާތީ އެ ފައިސާ އަނބުރާ ދެއްކުމަށް ނިންމާފައި ނުވާ ކަމަށެވެ.

ޗެއާމަން ޝަފީގު ވިދާޅުވީ އެލަވަންސް ފައިސާ އިތުރަށް ދޫކޮށްފައި ވަނީ އޮޅުމަކުން ކަމަށެވެ. ފިނޭންސް މިނިސްޓްރީން ވަކި ގޮތަކަށް އެންގުމުން އެތައް ދުހެއްވަންދެން ވެސް ފައިސާ ދޫކުރެއްވީ އޮޅުމަކުންތޯ ދެންނެވުމުން އޭނާ ވިދާޅުވީ އެހެންކަމަށެވެ.