ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑާކުރި ކަމުގެ ތުހުމަތުގެ ދައުވާ އަނބުރާ ގެންގޮސް މުރާޖައާ ކޮށްދެއްވުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލް އަށް އިލްތިމާސްކޮށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާގެ ދަށުން އެ ގަރާރު މަޖިލީހަށް ހުށަހަޅާފައި ވަނީ ނައިފަރު ދާއިރާގެ ޕީޕީއެމް މެންބަރު އަހްމަދު ޝިޔާމް އެވެ.

ޝިޔާމް ހުށަހެޅުއްވި އެ މައްސަލާގައި ބުނެފައި ވަނީ، ރައީސް ޔާމީން ވަނީ ގާނޫނު އަސާސީއާ ހިލާފަށް އިންސާފުން އެއްކިބާވެ ސިޔާސީ ބޭނުމަށް ޓަަކައި ހައްޔަރުކޮށްފައި ކަމަށާއި އެ މައްސަލައަކީ ސިޔާސީ ނުފޫޒުގެ ތެރެއިން މަދަނީ މައްސަލައެއްގައި ސިޔާސީ ބޭނުމަށް ޓަކައި ކޮށްފައިވާ ޖިނާއީ ދައުވާއެއް ކަމަށެވެ.

ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް: އޭނާ ވަނީ ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެނައުމަށް ޕީޖީއަށް އިލްތިމާސްކޮށް ގަރާރެއް މަޖިލީހަށް ހުށަހަޅާފައި --ފައިލް ފޮޓޯ / ރައްޔިތުން މަޖިލީސް

މަޖިލިސް އިންތިހާބް ބޯމަތިވެފައި ވަނިކޮށް އިދިކޮޅު ޕާޓީގެ ލީޑަރު ހައްޔަރު ކުރުމަކީ އެ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވުމުގެ ގޮތުން ހިންގާ ނާތަހުޒީބު އަމަލެއްގެ ގޮތުގައި ޝިޔާމް ވަނީ އެ ގާރުގައި ފާހަގަކުރައްވައިފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރިކަމުގެ ދައުވާ އުފުލާފައި ވަނީ އެމަނިކުފާނުގެ އެކައުންޓަކަށް އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައެއްގައި ކަން ފާހަގަކޮށް ޝިޔާމްގެ ގަރާރުގައި ބުނެފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރިޕޯޓުން އެގެން އޮންނަ ގޮތުން 154 މީހެއްގެ އެކައުންޓަށް އެ ކުންފުނިން ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ފަރާތްތަކާ ހިލާފަށް ރައީސް ޔާމީން އެ ފައިސާ ބޭނުން ނުކުރައްވައި އޭސީސީއާ ހިއްސާވާ އެކައުންޓެއްގައި ފައިސާ ބެހައްޓާފައިވާކަން ވެސް ގަރާރުގައި ފާހަގަ ކޮށްފައިވެ އެވެ.

ރައީސް ޔާމީން ހައްޔަރުކޮށްފައި ވަނީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުގައި ކަން ފާހަގަކޮށް އެ ގަރާރުގައި ބުނެފައި ވަނީ، ނިމިދިޔަ ރިޔާސީ އިންތިހާބްގައި 96،000 އަށް ވުރެ ގިނަ ރައްޔިތުންގެ ތާއިދު އޮތް ލީޑަރަކު ހައްޔަރު ކުރުމަކީ އިދިކޮޅު ސިޔާސީ ހަރަކާތް ނެތިކޮށްލައި އެމަނިކުފާނުގެ އަބުރު ކަތިލުމަށް ކޮށްފައިވާ ނާތަހުޒީބް އަމަލެއް ކަމަށެވެ.

"ޕްރޮސިކިއޓާ ޖެނަރަލްގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސިޔާސީ ގޮތުން ދައުވާ ކުރަންފޮނުވާފައިވާ މައްސަލަ އަނބުރާ ގެނަސް މުރާޖައާ ކޮށްދެއްވުމަށް އެދި ޕްރޮސިކިއިޓާ ޖެނަރަލް އަށް އިލްތިމާސްކޮށް މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މައްދާގެ ދަށުން ހުށަހަޅާ ގަރާރު،" ސިޔާމް ހުށަހެޅި ގަރާރު ނިންމާލަމުން ބުނެފައިވެ އެވެ.