27 Feb 2019, 12:36
ހައުސިން ޔުނިޓްތައް އެޅުމަށް ސީލައިފް ގްލޯބަލް ޕްރައިވެޓްއިން އިއުލާން ކުރި މަޝްރޫއުގައި އެކުންފުންޏާއި އެޗްޑީސީން ހިންގި މުއާމަލާތްތަކުގައި ކޮރަޕްޝަން ހިމެނޭތޯ ތަހުގީގުކުރަން ފަށައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެޗްޑީސީ އިން 3000 ހައުސިން ޔުނިޓްތައް އަޅަން ސީލައިފްއާ ހަވާލުކޮށް އަދި އެ ކުންފުންޏަށް ބިން ދޫކުރުމުގައި ކޮރަޕްޝަން އަމަލެއް ހިމެނޭތޯ ބެލުމަށް މިޙާރު ތަހުގީގްތައް ކުރަމުންގެންދާ ކަމަށެވެ.
އެކަމުގައި ފާހަގަކުރެވުނު ކަންތައްތަކުގެ ރިޕޯޓް ފުލުހުންނަށާއި އަދި އެސެޓް ރިކަވަރީ ކޮމިޝަންއަށް މިހާރު ފޮނުވައިފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.
އެސީސީ އިން ބުނީ އެ މައްސަލަ ތަހިގީގު ކުރި ނަމަވެސް ހައުސިން ޔުނިޓްތައް ގަންނަން ފައިސާ ދެއްކި ފަރާތްތަކާއި ސީލައިފް ކުންފުންޏާ ދެމެދު ހިނގި މުއާމަލާތްތައް ތަހުގީގްކުރުމަކީ އެ މުވައްސަސާގެ ޒިންމާއެއް ނޫން ކަމަށާއި އަދި އެކަން ތަހުގީގްކުރާނީ ފުލުހުން ކަމަށެވެ. އެ މައްސަލަ މިހާރު މައްސަލަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާރޓްމަންޓުން ދަނީ ތަހުގީގު ވެސް ކުރަމުންނެވެ.
ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓް އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ މީގެ ތިން އަހަރު ކުރިންނެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް ގަންނަން 280 މީހުން ބުކިން ފީގެ ގޮތުގައި ކޮންމެ މީހަކު 50،000 ރުފިޔާ ދެއްކި އިރު އެއަށް ވުރެ ގިނައިން ފައިސާ ދެއްކި މީހުން ވެސް އެބަތިއްބެވެ.
އެތައް އަހަރެއްވީ އިރު ވެސް މަސައްކަތް ނުފެށިވާތީ، އެ ފައިސާ އަނބުރައި ހޯދުމަށް ސީލައިފްގެ މައްޗަށް ދައުވާކުރަން ވެސް ގިނަ ބަޔަކު ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. ފުލުހުން ބުނީ މިހާތަނަށް މައްސަލަ ހުށަހަޅާފައިވާ ފަރާތްތަކުގެ އިތުރުން ވެސް އެ މައްސަލާގައި ގެއްލުން ލިބިފައިވާ، ބަޔަކު އެބަތިބިކަމަށް ތަހުގީގަށް ހާމަވާކަމަށެވެ.
ސީލައިފުން އެޕާޓްމަންޓްތައް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް މިފަދަ މައްސަލައެއް ކުރިމަތިވެފައިވޭތޯ ބެލުމަށް ބޭނުންވާތީ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ލިޔެކިޔުމުން ކުރެވިފައިވާ މުޢާމަލާތްތަކާ އެކު، ފުލުހަށް މައްސަލަ ހުށަހެޅުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.