27 Feb 2019, 10:59
އިދިކޮޅު ކޯލިޝަން "ޕްރޮގްރެސިވް ކޮންގްރެސް" ކޯލިޝަންގައި ހިމެނޭ ކޮންގްރެސް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެންޓި ކޮރަޕްޝަން ކޮމީޝަނަށް ހާޒިރު ކޮށްފި އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ބަހުސް ތެރެއިން ވާހަކަ ދައްކަވަމުން އިިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާ މެމްބަރު އަލީ އަރުފު ވިދާޅުވީ، މިހާރު އަބްދުއްރަހީމް އޭސީސީ އަށް ހާޒިރުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އާރިފަށް ވެސް އޭސީސީ އަށް ހާޒިރުވުމަށް އެދި އެކޮމިޝަނުން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިއްޒަތެރި ރައީސް އަޅުގަނޑަށް އެބައޮތް 11.00 އަށް އޭސީސީ އަށް [ހާޒިރުވުމަށް] ކިޔާފައި. އަބްދުއްރަހީމް މިހާރުވީ އޭސީސީގައި،" މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާރިފް ވިދާޅުވި އެވެ.
އެ ދެބޭފުޅުންނަށް އޭސީސީ އަށް ހާޒިރުވުމަށް އެދި އަންގާފައި ވަނީ ކޮން ސަބަބަކާ ހުރެ ކަމެއް އާރިފު ވިދާޅެއް ނުވެ އެވެ.
އަދުރޭ މިއަދު ސަން އަށް ވިދާޅުވީ އޭނާ އޭސީސީ އަށް ހާޒިރު ކުރީ އެތަނުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.