ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސާވިސަސް (ޑީޕީއާރުއެސް)ގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ރަޝީދަށާއި އިތުރު މީހަކަށް ވަޒީފާ އިން ވަކިކުރުމަށް ތިން މަސް ދުވަހުގެ ނޯޓިސްއެއް ދީ ގޭގައި މަޑުކުރުމަށް އަންގައިފި އެވެ.

ސިވިލްސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަން މިއަދު ވިދާޅުވީ ޑީޕީއާރުއެސް ތެރޭ ކުރިއަށްގެންދިޔަ ކޮމްޕްލެއިން އޮޑިޓަކާ ގުޅިގެން މިދިޔަ މަހުގެ ފަހުކޮޅު ރަޝީދަށާއި އެކޮމިޝަންގައި މަސައްކަތް ކުރައްވާ 55 އަހަރުގެ މީހަކަށް ނޯޓިސްދިނީ ސީއެސްސީ އާ ޑީޕީއާރުއެސްއާ މަޝްވަރާތަކެއް ކުރުމަށް ފަހު ކަމަށެވެ.

އަދި ލިބިފައި ހުރި ރިކޮމަންޑޭޝަންތަކަށް ބަލައި އެތަނުގެ ތެރޭ ރަނގަޅު ކުރަން ޖެހޭ ކަންތަކެއް ހުރި ކަމަށް ފެންނާތީ އެކަންކަން ކުރިއަށް އޮތް ތިން މަސް ދުވަހުގެތެރޭ ރަނގަޅު ކުރުމަށް ފުރުސަތުދީ ގޭގައި މަޑުކުރުމަށް ޑިރެކްޓާ ޖެނެރަލަށް އަންގާފައިވާނެ ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ. ފަހުމީ ވިދާޅުވީ ނޯޓިސް ދިން 55 އަހަރުގެ މީހާއަށް އުމުރުން ދުވަސްވީ މީހުންގެ ޕެކޭޖްގެ ތެރެއިން ވަކި ވުމަށްވެސް ފުރުސަތު ދީފައިވާނެ ކަމަށެވެ.

ފަހުމީ ވިދާޅުވީ އެ ދެ ބޭފުޅުންގެ އިތުރުން ޑީޕީއާރުއެސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ފިޔަވަޅު އަޅަން ޖެހޭ މުވައްޒަފުންނާ ދޭތެރޭ އެކިވަރުގެ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ. އަދި އޮޑިޓް އޮފީހާއި އޭސީސީއަށް ހުށަހަޅައިގެން ބަލަން ޖެހޭ ކަންތައްތައް އެ ދެ ތަނަށް ހުށަހަޅާފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެން މިބަލަނީ ތިން މަސް ދުވަހުގެރޭ ތެރޭ އެ ކުރަން ޖެހޭ ކަންތައްތައް ނިންމާލެވޭނެ ކަމަށް،" ފަހުމީ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ އެކޮމިޝަނުން މިހާރު ވެސް ބަލަންޖެހޭ ކަންތައްތައް ބަލަމުންގެންދާނެ ކަމަށެވެ.