އަބޫޖާ (ފެބްރުއަރީ 27) :ނައިޖީރިޔާގެ ރައީސް މުހައްމަދު ބުޚާރީ ރިޔާސީ ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންފިއެވެ.

ނައިޖީރިޔާގެ އިންތިޚާބުތަކާބެހޭ އިދާރާ ކަމަށްވާ "އިންޑިޕެންޑެންޓް ނޭޝަނަލް އިލެކްޝަން ކޮމިޝަން" އިން ބުނީ މިދިޔަ ހޮނިހިރު ދުވަހު އެގައުމުގައި ބޭއްވި ރިޔާސީ އިންތިޚާބު ރައީސް މުހައްމަދު ބުޚާރީ ކާމިޔާބު ކުރައްވާފައިވާ ކަމަށާ ވަގުތީ ނަތީޖާ ދައްކާގޮތުން ވޯޓުގެ 56 އިންސައްތަ ބުޚާރީއަށް ލިބިވަޑައިގެންފައިވާ ކަމުގައެވެ. ބުޚާރީއާ އެންމެ ގާތުން ވާދަކުރެއްވި ކެންޑިޑޭޓަކީ އަތީކޫ އަބޫބަކުރެވެ. އޭނާއަށް ލިބިވަޑައިގަތީ ވޯޓުގެ 40 އިންސައްތަ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އަބޫބަކުރުގެ ޕާޓީ ކަމަށްވާ ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީން ވަނީ ރައީސް ބުހާރީގެ މިކާމިޔާބާ މެދު ޝައްކު އުފައްދައި ސަރުކާރުގެ އިދާރާތަކުން ވޯޓަށް ބާރާއި ނުފޫޒު ފޯރުވިކަމަށް ތުހުމަތުކޮށްފައެވެ. އަދި އިންތިޚާބުގެ ނަތީޖާ ގަބޫލުކުރުމަށް އަބޫބަކުރު ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. ނަމަވެސް ބުހާރީގެ އޯޕް ޕްރޮގްރެސިވް ކޮންގްރެސް ޕާޓީންވަނީ މިކަން ދޮގުކުރެއެވެ. އެޕާޓީންވަނީ ބަލި ގަބޫލުކުރުމަށް އަބޫބަކުރަށް ގޮވާލާފައެވެ.

ނައިޖީރިޔާގެ ރިޔާސީ އިންތިޚާބުގައި ބަލިވެ ވަޑައިގެންނެވި އެގައުމުގެ ކުރީގެ ނައިބު ރައީސް އަތީކޫ އަބޫބަކުރަކީ މުއްސަނދި ބޭފުޅެކެވެ. އޭނާ ކޭންޕޭނަށް ބޮޑެތި ޚަރަދުތަކެއް ކުރެއްވި ކަމަށްވެއެވެ. ނައިޖީރިޔާގެ ރައީސް މުހައްމަދު ބުޚާރީ ރިޔާސީ ދެވަނަ ދައުރަކަށް އިންތިޚާބު ވެވަޑައިގެންނެވި ނަމަވެސް ނައިޖީރިޔާއަށް ކުރިމަތިވެފައިވާ މައްސަލަތައް އޭނާގެ ފުރަތަމަ ދައުރުގައި ހައްލު ކުރެވިފައެއް ނުވެއެވެ.

ނައިޖީރިޔާއަކީ އެފްރިކާގެ އެންމެ ބޮޑު އިގްތިސާދު ކަމަށްވެފައި އެންމެ ބޮޑު އާބާދީ ކަމަށްވެފައި އަދި އެންމެ ގިނައިން ތެޔޮ އެކްސްޕޯޓުކުރާ ގައުމު ކަމަށްވިޔަސް އެގައުމުގެ ތަރައްގީގެ ހާލަތު ވަރަށް ދަށެވެ. ފަގީރުންގެ ނިސްބަތް ވަރަށް މައްޗެވެ. މުއްސަނދިންނާއި ފަގީރުންގެ ތަފާތު ވަރަށް ބޮޑެވެ. ނައިޖީރިއާ ކުރިމަތިވެފައިވާ ޒަމާންވީ މައްސަލަތަކުގެ ތެރޭގައި ކޮރަޕްޝަން އިންތިހާއަށް މައްޗަށް ދިޔުމާއި ފަގީރުކަން އާންމުވުމާއި ސިޓީތައް ތޮއްޖެހުމާއި ރަށްފުށުގެ ސަރަހައްދުތައް ތަރައްގީ ނުކުރެވުމާއި އިންފްރާސްޓްރަކްޗަރ ބަލިކަށިވުމާއި ކަރަންޓް ނުލިބުންފަދަ ހަކަތައިގެ މައްސަލަތައް ހިމެނެއެވެ.

މީގެއިތުރުން ނުރައްކާތެރި ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ބޯކޯ ހަރާމް ޖަމާއަތުގެ ނުރައްކަލަކީވެސް އެގައުމަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެކެވެ. ބުޚާރީގެ ފުރަތަމަ ދައުރުގައި ބޯކޯ ހަރާމް ޖަމާއަތާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއްދީ އެޖަމާއަތް ވަރަށް ބޮޑަށް ބަލިކަށިކޮށްލުމުގައި އޭނާ ކާމިޔާބު ހޯއްދެވިއެވެ. ނަމަވެސް އެޖަމާއަތަށް ޒުވާނުން ރެކްރޫޓްކޮށްގެން އަނެއްކާވެސް އެޖަމާއަތް އަލުން ބާރުގަދަ ކުރަން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރައީސް މުހައްމަދު ބުޚާރީއަކީ ނައިޖީރިޔާ ސިފައިންގެ ކުރީގެ ޖެނެރަލެކެވެ.

(ނޫސްއެޖެންސީތައް)