27 Feb 2019, 10:55
ނިއުދިއްލީ (ފެބްރުއަރީ 27) : އިންޑިއާ އިން ޕާކިސްތާނަށް ދިން ޙަމަލާއަށް ތައުރީފްކޮށް އިންޑިއާގެ އާންމުން އެގައުމުގެ ކަންކޮޅުތަކުގައި އުފާފާޅުކުރަމުން އެބަގެންދެ އެވެ.
އުފާފާޅުކުރުމުގެ ގޮތުން އިންޑިއާގެ އާންމުން ކުރަމުން ގެންދާ ކަންތައްތަކުގެ ތެރޭގައި ލަވަކިޔުމާއި އަލިފާނުގެ ކުޅިވަރުތައް ކުޅުން ހިމެނެ އެވެ. އިންޑިއާ އިން އިއްޔެވަނީ ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް ކަޝްމީރުގެ ޕާކިސްތާން ފަޅިއަށް ވައިގެ ޙަމަލާތަކެއް ދީފަ އެވެ. އިންޑިއާ އިން ބުނެފައި ވަނީ އެގައުމުން ޙަމަލާދިނީ ކަޝްމީރުގައި ހަރަކާތްތެރިވާ ޖައިޝު މުހައްމަދު ޖަމާއަތުގެ ކޭމްޕްތަކަކަށް ކަމަށާ އެޙަމަލާތަކުގައި އެކޭމްޕްތައް ހަލާކުކޮށްލުމުގެ އިތުރުން އެތަނުގައިތިބި އެޖަމާއަތުގެ ތިންސަތޭކައެއްހާ ހަނގުރާމަވެރިން މަރާލެވުނު ކަމުގަ އެވެ.
ނަމަވެސް ޕާކިސްތާނުން ވަނީ އިންޑިއާ އިން ޙަމަލާދިނީ ނަމެއްގައި ކަމަށާ އިންޑިއާގެ ހަމަލާތަކުގައި އެކަކު ވެސް މަރުވެފައިނުވާ ކަން ކަށަވަރުކޮށްދީފަ އެވެ. އަދި އިންޑިއާގެ ވައިގެ ސިފައިން ޙަމަލާ ދިނީ ކަޝްމީރުގެ މުޒައްފަރު އާބާދުގެ ޖަންގަލީގެ ސަރަހައްދަކަށް ކަމަށާއި ބައެއް ގަސްތައް ހަލާކުވުން ފިޔަވައި އެހެންކަމެއް އެޙަމަލާއިން ނުވާކަމުގަ އެވެ. އެހެންކަމުން އިންޑިއާ އިން ދިނީ އަލިފާން ބޮމުގެ ހަމަލާއެއް ކަމަށް ޕާކިސްތާނުގެ ނޫސްތަކުން ބުނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ގަވައިދާ ޚިލާފަށް ވަދެފައި ވަނީ އިންޑިއާގެ އެއާފޯސްގައި ބޭނުންކުރާ ފަރަންސޭސިވިލާތުގައި އުފައްދާފައިވާ މިރާޖާ 200 މަރުކާގެ ފައިޓާ ޖެޓްތަކެކެވެ. އޭގެ ބާރަ ޖެޓް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަންކަމަށް ވެސް ބައެއް ޚަބަރުތައް ބުނެ އެވެ. މިއީ 1971 ވަނަ އަހަރަށްފަހު އިންޑިއާގެ އަސްކަރީ ޖެޓްތަކެއް އުދުވާނީ ގޮތެއްގައި ޕާކިސްތާނުގެ ވައިގެ ސަރަހައްދަށްވަން ފުރަތަމަ ފަހަރެވެ.
އިންޑިއާ އިން މިކަންކޮށްފައި މިވަނީ ޖަންމޫ ކަޝްމީރުގެ ޕުލްވަމާ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ އިންޑިއާގެ ޕެރަމިލިޓަރީ ސިފައިންނަށް އަމާޒުކޮށް މިމަހު 14 ދުވަހު ދިން ހަމަލާއެއްގައި އިންޑިޔާ ސިފައިންގެ 44 މީހުން މަރުވުމާއެކު އެހަމަލާތަކަށް ބަދަލުހިފުމަށް ގޮވާލައި އިންޑިޔާގެ އެތެރޭން ބޮޑުވަޒީރު ނަރަންދުރަ މޯދީގެ ސަރުކާރަށް ބޮޑެތި ފިއްތުންތައް ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ. އިންޑިއާ އިން ޕާކިސްތާނަށް ދިން ޙަމަލާއަށް އިންޑިއާގެ އެތެރޭން އެހާ ބޮޑު ތަރުޙީބެއް ލިބިގެންދިޔައީ ޕާކިސްތާނާދެކޮޅަށް ބަދަލުހިފުމުގެ ރޫހާއި ފޯރި އިންޑިޔާގެ އާންމުންގެ ކިބާގައި ޒަމާނުއްސުރެ ހުރިލެއް ބޮޑުކަމުންކަމަށް މުރާސިލުން ބުނެ އެވެ.
މިދުވަސްވަރަކީ އިންޑިއާގެ އާންމު އިންތިޚާބާ ވަރަށް ގަތްދުވަސްވަރަކަށް ވެފައި ބޮޑުވަޒީރު ނަރަންދުރަ މޯދީގެ މަގްބޫލުކަން އިންޑިއާގެ އާންމުންގެ މެދުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ދުވަސްވަރަކަށްވާތީ ޕާކިސްތާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅެއް އެޅުމަކީ ބޮޑުވަޒީރު މޯދީގެ މަގްބޫލުކަން އިތުރުވެގެންދާނެ ކަމެއްކަމަށް ކުރިން ވެސް ވަނީ ބެލެވިފަ އެވެ.
އިންޑިއާއިން ޕާކިސްތާނަށް ދިން ޙަމަލާތަކަށް ފަހު އިންޑިއާގައި ނެގި އާންމު ޚިޔާލު ހޯދުމުގެ ވޯޓަކުން މޯދީގެ މަގްބޫލުކަން އާންމުންގެ މެދުގައި އިތުރުވެފައިވާކަން ވަނީ ހާމަވެފަ އެވެ. އިންޑިއާ ޕާކިސްތާނަށް ދިން ޙަމަލާއަކީ އަސްކަރީގޮތުން ބަދަލު ހިފުމަށް ދިން ޙަމަލާއަކަށް ވުރެ ބޮޑަށް އެއީ އިންޑިޔާގެ އާންމުން ރުއްސުމަށާއި ކޭންޕޭންގެ ބޭނުމަކަށް ދިން ޙަމަލާއެއްކަން ތަޖްރިބާކާރުންވަނީ ފާހަގަ ކޮށްފަ އެވެ.
ޖަންމޫ ކަޝްމީރުގެ ޕުލްވަމާ ސަރަހައްދުގައި އިންޑިއާ ސިފައިންގެ 44 މީހުން މަރާލި ހަމަލާދިން ޖައިޝު މުހައްމަދު ޖަމާއަތަކީ ޕާކިސްތާން ސިފައިންނާއި ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ އެހީތެރިކަން ލިބޭ ޖަމާއަތެއް ކަމަށް އިންޑިއާ ބުނި ނަމަވެސް ޕާކިސްތާނުން އެކަން ދޮގުކުރެ އެވެ. ޖައިޝު މުހައްމަދު ޖަމާއަތަކީ ޖަންމޫ ކަޝްމީރުގެ މިނިވަން ކަމަށްޓަކައި އިންޑިޔާއާ ދެކޮޅަށް ހަރަކާތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ތެރޭގައި ހިމެނޭ ބޮޑު ޖަމާއަތެވެ.
ޕާކިސްތާނުން ވަނީ އިންޑިއާގެ ހަމަލާއަށް ރައްދު ދޭނެކަމަށް ބުނެފަ އެވެ. އިންޑިއާއަށް ރައްދު ދޭނެ ގޮތާއި ތަނާއި ވަގުތު ކަނޑައެޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޓަކައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އެގައުމުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ކުއްލި ބައްދަލުވުމަކަށް ވަނީ ގޮވާލައްވާފަ އެވެ. (ނޫސްއެޖެންސީތައް)