ބޮލީވުޑް އެކްޓަރު އާޔޫޝްމަން ކުރާނާގެ ކުރިއަށް އޮތް ފިލްމު 'ޑްރީމް ގާލް' ރިލީޒް ކުރާ ތާރީޚު ހަމަޖައްސައިފި އެވެ. މިދިޔަ މަހު ޝޫޓިން ފެށި އެ ފިލްމު ރިލީޒްކުރާނީ އަންނަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު އެވެ.

ރާޖް ޝާންދިލްޔާ ޑައިރެކްޓު ކުރާ 'ޑްރީމް ގާލް'ގެ ފުރަތަމަ ޕޯސްޓަރު މިހާރު ދައްކާލައިފައި ވާއިރު، އެ ޕޯސްޓަރަކަށް ގިނަ ބައެއްގެ ސަމާލުކަން އަންނަނީ ލިބެމުންނެވެ. ޕޯސްޓަރުގައި އާޔޫޝްމަން ފެނިގެން ދަނީ ރީނދޫ ސާރީއެއްގައި ސްކޫޓަރެއްގެ މަތީގައި އިންނަ މަންޒަރެވެ.

ފިލްމުގައި އޭނާ އަދާކުރާ ރޯލާއި ބެހޭ ގޮތުން އާޔޫޝްމަން ބުނީ، ފިލްމުގައި އޭނާ ފެނިގެން ދާނީ މަޖާ އަދި ތަފާތު ރޯލަކުން ކަމަށެވެ. އާޔޫޝްމަން އާއެކު ފިލްމުން ދެން ފެނިގެން ދާނީ 'ސޯނޫ ކެ ޓީޓޫ ކީ ސްވީޓީ' ގެ ލީޑު އެކްޓަރު ނުޝްރަތު ބަރޫޗާ އެވެ. މިއީ އާޔޫޝްމަން އާއި ނުޝްރަތު އެކުގައި ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. އާޔޫޝްމަން ވަނީ މިދިޔަ އަހަރު ވެސް ކާމިޔާބު ދެ ފިލްމަކުން ފެނިގެން ގޮސްފަ އެވެ. 'އަންދާދުން' އަދި 'ބަދާއީ ހޯ' ގެ ކާމިޔާބީގެ ސަބަބުން 'ޑްރީމް ގާލް' އަކީ ވެސް އުންމީދީ ފިލްމަކަށް ވަނީ ވެގެންގޮސްފަ އެވެ.