ސައިފް އަލީ ޚާން އަދި ކަރީނާ ކަޕޫރު ޚާން އަކީ ބޮލީވުޑްގެ އެންމެ ހިތްގައިމު އެއް ޖޯޑެވެ. ކަރީނާ އާއި ސައިފް ކައިވެނި ކުރީ 2012 ވަނަ އަހަރު އެވެ.

ކައިވެންޏަށް މިހާރު ފިރިހެން ކުއްޖަކު ވެސް ލިބިފައި ވާއިރު ދެމީހުންގެ ދެމެދުގައި އޮންނަ ލޯބި ދުވަހެއް ދުވަހަކަށް އިތުރު ވަމުން އަންނަ ކަމަށް ކަރީނާ ބުނެއެވެ. އެއީ ކަރީނާގެ އަލަތު ކައިވެނި ނަމަވެސް ސައިފް ވަނީ ކުރިން އެހެން ކައިވެންޏެއް ކޮށްފަ އެވެ. ނަވާރަސަތޭކަ ނުވަދިހަ އެއް ވަނަ އަހަރު ސައިފް ވަނީ ކުރީގެ މަޝްހޫރު ބަތަލާ އަމްރިތާ ސިންގ އާ ކައިވެނިކޮށްފަ އެވެ. ދެހާސް ހަތަރު ވަނަ އަހަރު އެ ކައިވެނި ރޫޅުނު އިރު އެ ކައިވެންޏަށް ދެ ކުދިން ވަނީ ލިބިފަ އެވެ. އަމްރިތާ އާއި ސައިފްގެ އަންހެން ދަރި ސާރާ އަލީ ޚާން ވެސް މިހާރު ފިލްމީ ދާއިރާއަށް ނުކުމެފައި ވާއިރު، ކަރީނާ އާއި ސާރާގެ ގުޅުން ވެސް ވަރަށް ރަނގަޅެވެ. އެހެންކަމުން ކަރީނާ އާއި އަމްރިތާގެ ގުޅުމަކީ ގިނަ ބަޔަކު ޝައުގުވެރިވާ ކަމެކެވެ. ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރު އޭނާގެ ޓޯކް ޝޯ 'ކޮފީ ވިތު ކަރަން' ގައި ކަރީނާ އާ އެ ސުވާލު ވަނީ ކޮށްފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި ކަރީނާ ބުނީ އަމްރިތާ އަށް އޭނާ ވަނީ އިހްތިރާމް ކުރާ ކަމަށާއި ދުވަހަކު ވެސް އަމްރިތާ އާ ބައްދަލު ނުވާ ކަމަށެވެ. "އަމްރިތާ އަށް އަހަރެން ވަރަށް އިހްތިރާމް ކުރަން. ދެމީހުން ދުވަހަކު ވެސް ބައްދަލެއް ނުވޭ،" ކަންގަނާގެ ޖަވާބުން ކަރަން ވެސް ވަނީ ހައިރާންވެފަ އެވެ. ނަމަވެސް ކަރީނާ ބުނީ އެއީ ހައިރާން ވާން ޖެހޭ ވަރު ކަމެއް ނޫން ކަމަށެވެ. ކަރީނާ ބުނީ ސައިފް އާ ބައްދަލުވީ ވެސް އަމްރިތާ އާ ދެމީހުން ވަރިވިތާ އަހަރުތަކެއް ފަހުން ކަމަށާއި، އެހެންކަމުން ކޮންމެހެން އަމްރިތާ އާއި ބައްދަލުކުރަން ނުޖެހޭ ކަމަށެވެ. އަމްރިތާ އާއި ކަރީނާ ބައްދަލު ނުވި ނަމަވެސް ކަރީނާ އޭނާގެ ދޮން ދަރިންނާ އެކު ވަގުތު ހޭދަކުރެ އެވެ.