އިންޑިއާގެ ޖީއެމްއާރުން ހިންގާ އިބްރާހިމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގައި މަސައްކަތް ކުރާ ދިވެހި ވިޔަފާރިވެރިންނަށް ލިބެން ޖެހޭ ހައްގު ފުރުސަތު އެފަރާތްތަކަށް ހޯދައިދިނުމަށާއި އެއާޕޯޓްގެ އަގުތައް އަތްފޯރާ ފަށަށް ތިރިކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު މަޖިލީހަށް ގަރާރެއް ހުށަހެޅުއްވައިފި އެވެ.

ޖީއެމްއާރުން ދިވެހިންނަށް ދަތިވާ ގޮތަކަށް ކުރަމުން ގެންދާ ކަންތައްތައް ފާހަގަކޮށް އެކަންތައްތައް ހުއްޓުވައި ދެއްވުމަށް އެދިވަޑައިގެން ރިޔާޒު ރަޝީދު ހުށަހުއްވާފައިވާ ގަރާރުގައި 18 ކަމެއް ފާހަގަކޮށްފައިވެ އެވެ.

އޭނާ މިއަދު ހުށަހަޅުއްވާފައިވާ ގަރާރުގައި ބުނެފައި ވަނީ އެއާޕޯޓް 25 އަހަރަށް އިންޑިޔާގެ ޖީއެމްއާރަށް ކުއްޔަށް ދިން ފަހުން އެއާޕޯޓުން ދޭ ހިދުމަތްތަކުގެ ފެންވަރަށް އެއްވެސް ކުރިއެރުމެއް، ތަރައްގީއެއް އައިސްފައި ނުވާ ކަމަށާއި އެއާޕޯޓުން ދޭ ހިދުމަތުގެ އަގުތައް އިންތިހާއަށް ބޮޑުކޮށްފައިވާ ކަމަށެވެ. އަދި އެއާޕޯޓްގެ ޑިއުޓީ ފްރީ ފިހާރަތަކާއި ބޮންޑެޑް ވެއާހައުސް ހިންގާ ދިވެހި ވިޔަފާރިވެރިން ކުރަމުން އައި ވިޔަފާރިތައް ހުއްޓާލައި އެ ވިޔަފާރިތައް ކުރަމުން ގެންދިޔަ ކުންފުނިތައް އެއާޕޯޓުން "ފަހާލާފައި"ވާތީ ޖީއެމްއާރުގެ އިންސާފެއް ނެތް އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އަދި ޖީއެމްއާރާ އެއާޕޯޓް ހަވާލުކުރިތާ 15 މަސް ވެގެންދިޔަ އިރު ވެސް އެއާޕޯޓުގެ ތަރައްޤީ އަށް އެކަށީގެންވާ އެއްވެސް މަސައްކަތެއް ކޮށްފައިނުވުމާއި އެއާޕޯޓް ތަރައްޤީ ކުރުމަށް ޖީއެމްއާރުން ކަނޑައަޅާފައިވާ ކުރު ރާސްތާ އަދި ދިގުރާސްތާގައި ވެސް ޓާގެޓެއް ހާސިލްވެފައިނުވާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެފަދަ ޓާގެޓެއް ހާސިލްކުރުމަށް އަމަލީ މަސައްކަތް ކުރަމުން ނުދާއިރު ޖީއެމްއާރުން އެއާޕޯޓާ ހަވާލުވިތާ އަހަރެއް ވެސް ނުވަނީސް އެއާޕޯޓްގެ ގްރައުޑް ހެންޑްލިން ފަންސާސް ޕަސެންޓް ބޮޑުކޮށް، ކުއްޔަށްދީފައިވާ ކޮންޓޭނާއެއްގެ އަގު އަހަރެއްގެ މައްޗަށް 48000ރ. އާއި 96000ރ އަށް ބޮޑުކޮށްފައިވާ ކަން އެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

މީގެއިތުރުން ޖީއެމްއާރުން އެއާޕޯޓްގެ ޑިއުޓީ ފްރީ ފިހާރަތަކާއި ބޮންޑެޑް ވެއާހައުސްގެ ކުލި 100 ޕަސެންޓް ބޮޑުކޮށް، އިގްތިސާދީ ގޮތުންނާއި މާލީ ގޮތުން މިފަދަ ދަތި ދަނޑިވަޅެއްގައި އެފަރާތްތަކާ އެކު ވެފައިވާ އެއްބަސްވުމާ ވެސް ހިލާފަށް މިއަހަރު ނިމުމުގެ ކުރިން އެތަންތަން ހުސްކުރުމަށް އަންގާފައިވާ ކަމަށް ވެސް އެގަރާރުގައިވެ އެވެ. ޑިއުޓީ ފިހާރަތަކާ ބޮންޑެޑް ވެއާ ހައުސްތަކުގެ މައްސަލާގައި އެ ގަރާރުގައި ބުނެފައި ވަނީ ދިވެހި ވިޔަފާރިވެރިން އެ ތަންތަނުގައި ވިއްކަމުން ގެންދަނީ އިންޓަނޭޝަނަލް ބްރޭޑްތައް ކަމަށްވާ އިރު އެ ވިޔަފާރިތައް އެއާޕޯޓުން ބޭރުކޮށްލައިފި ނަމަ އެފަރާތްތަކަށް އެ އުފެއްދުންތަކުގެ އެއެޖެންސީތައް ވެސް ގެއްލި ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ލިބިގެންދާނެ ކަމަށް ޖީއެމްއާރަށް ތަކުރާރުކޮށް އަންގާފައިވާ ކަމަށެވެ.

މަޖިލީހަށް ހުށަހަޅާފައިވާ އެގަރާރުގައި ބުނެފައި ވަނީ އެއާޕޯޓް 800 އަކަފޫޓުގެ ފިހަރައެއްގެ ކުލީގެ ގޮތުގައި މިހާރު ވެސް އަހަރަކު 1.6 މިލިއަން ޑޮލަރު ޖީއެމްއާރަށް ދައްކަމުން ގެންދާ ކަމަށެވެ.

"އިންޑިޔާގެ ޖީއެމްއާރާ ކުންފުނިން އެއާޕޯޓާ ހަވާލުވި ފަހުން ތަކުރާރުކޮށް ފިއުލް އަގުބޮޑުކުރަމުން ގެންދާތީ ރާއްޖޭގެ އެތެރޭގެ ދަތުރުތަކާއި ބޭރުން އަންނަ ފްލައިޓްތަކުގެ ޓިކެޓް އަގުބޮޑުކުރަމުންދާ ކަމާއި އެކަމުގެ ސަބަބުން އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެއާ ޓްރާންސްޕޯޓް (އައިއޭޓީ) ފަދަ ދުނިޔޭގެ ވައިގެ ދަތުރުފަތުރުކުރާ ފަރާތްތައް ތަމްސީލުކުރާ ޖަމާއަތްތަކުން އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް އަދި އެކަމުގެ ސަބަބުން ރާއްޖެ އަށް ދަތުރުކުރާ އެއާލައިންސްތަކުގެ ދަތުރުތައް ބޮޑެތި އަސަރުކުރާނެ ކަމުގެ އިންޒާރު ދެމުން ގެންދޭ." ރިޔާޒުގެ ގަރާރުގައިވެ އެވެ.

ގާނުނު އަސާސީގެ 97 މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ އަތުން އެއްވެސް ބާވަތެއްގެ ޓެކްހެއް ނަގަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް ބުނެފައިވީ ނަމަވެސް އެފަދަ ފާސްކުރުމެއް ނެތި މިހާރު ވެސް ފަސިންޖިރުންގެ އަތުން 1225.66ރ. ނަގާކަމަށާއި އަދި ޔޫޒާފީގެ ގޮތުގައި 199.84 ރުފިޔާ އަދި އިންޝުއަރެންސްގެ ގޮތުގައި 40.10ރ. ނަގަމުންދާ ކަމަށެވެ. އަދި 2012 ވަނަ އަހަރު ޖެނުއަރީން ފެށިގެން އިތުރަށް 27 އެމެރިކާ ޑޮލަރު ނެގުމަށް ޖީއެމްއާރާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުގައިވާ ކަމަށް ވެސް އެގަރާރުގައިވެ އެވެ.