އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެމްބަރު މުހައްމަދު ޝަކީލް ހަމަޖައްސައިފިއެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ މީގެ ކުޑަ ވަގުތުކޮޅެެއް ކުރިން ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ސެކްރެޓަރީ ޖެނެރަލް ކަމަށް ޝަކީލް އައްޔަންކުރަން ފާސްކޮށްފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމުގެ އިތުރުން ޝަކީލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި އަބްދުލް މަތީން މުހައްމަދު އެ މަގާމުން އިސްތިއުފާ ދެއްވީ އުނގޫފާރު ދާއިރާއަށް ވާދަކުރުމަށް އޭނާ ދިން ޓިކެޓު އަތުލުމުންނެވެ. މަތީން ވަނީ އަމިއްލަގޮތުން އެ ދާއިރާއަށް ވާދަކުރުމަށް ފޯމް ހުށަހަޅުއްވާފައެވެ.