26 Feb 2019, 20:16
ދިވެހި ރާއްޖޭގެ އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ބާރު ކަމަށްވާ ސުޕްރީމް ކޯޓު ރިފޯމް ވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ޕްރައިމެރީގައި ވާދަކުރުމުން ބަލިވާ ފަރާތްތަކުން އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހު ބާތިލް ކުރުމަށް ޖާބިރާއި އިތުރު ބަޔަކު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން، އެ ކޯޓުން އިއްޔެ ވަނީ އެ އިސްލާހު ބާތިލު ކުރުމަށް ހުކުމްކޮށްފަ އެވެ.
އެ ހުކުމާ އެކު އަމިއްލަ ގޮތުން މަޖިލީހަށް ވާދަ ކުރައްވަން ނިންމަވާފައިވާކަން ހާމަ ކުރައްވައި "ސަން"އާ ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ ސުޕްރީމް ކޯޓުން މިހާރު ނިންމާ ނިންމުންތަކަކީ ރަނގަޅު ނިންމުންތައް ކަމަށެވެ. އަދި ރައްޔިތުންގެ އިތުބާރި ކޯޓަށް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ އެގޮތަށް ދެކެވަޑައިގަންނަވަނީ އެއްވެސް ތައައްސުބެއް އޮވެގެން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓާއި ދިވެހި ރާއްޖޭގެ ޖުޑިޝަރީ ދަނީ ރިފޯމް ވަމުން މިހާރު. ރާއްޖޭގެ ކަންކަން ތަރުތީބު ވަމުން ދަނީ. ރާއްޖޭގެ ބަރުލަމާނީ ހަޔާތް ވެސް ތަރުތީބުވެގެން އަންނާނީ. މި ހިނގާ ރައްޔިތުންގެ މަޖިލީހުގައި ކަންތައް ހިނގި ގޮތަކަށް ނޫން އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގައި ހިނގާނީ. އެކި ދައުރުގައި ކަންތައްތައް ވަމުން ވަމުން ގޮސް ރާއްޖެ ރިފޯމް ވަމުން މިދަނީ،"
ސުޕްރީމް ކޯޓުގެ ނިންމުމަށް ފާޑުވިދާޅުވަމުން ޖާބިރު ނިސްބަތްވާ އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ، މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކުރުމަކީ ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެ ކޯޓުތަކުގެ އަގު ވެއްޓި އިތުބާރު ގެއްލިގެންދާ އެންމެ ބޮޑު ސަބަބަކީ ކޯޓުތަކުން އިންތިހާބުތަކަށް ނުފޫޒު ފޯރުވުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަމާ ގުޅޭ ގޮތުން ޖާބިރު މިއަދު ވިދާޅުވީ، ސުޕްރީމް ކޯޓުންވެސް ރަނގަޅަށް ނިންމުންތައް ނިންމާ ނަމަ އެއީ ރަނގަޅަށް ކޮށްފައިވާ ކަންތައްތައް ކަމަށް ވިދާޅުވަން ޖެހޭ ކަމަށެވެ.
"ދިވެހި ރާއްޖޭގެ ކަންތައްތައް ތަރުތީބު ކުރުމުގައި ސުޕްރީމް ކޯޓުން ރަނގަޅަށް ކަންތައް ކުރާ އިރު އެއީ ރަނގަޅު ކަމަށް ވިދާޅުވާން އެބަ ޖެހޭ. ރައީސް ނަޝީދު އަދި ވިދާޅުވިޔަކަސް، ކޮންމެ ބޭފުޅަކު ވިދާޅުވިޔަކަސް، ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ ފަހުގެ ނިންމުން. އެޔަށް ޖެހޭނެ ތަބާވާން. އެއީ ގާނޫނު އަސާސީ އެމަގަށް މަގު ދައްކާފައި އޮތް ގޮތް،"
މަޖިލިސް އިންތިހާބުގައި އަމިއްލަގޮތުން ވާދަ ކުރުމަށް އަންނަ ބުރާސްފަތި ދުވަހު އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖާބިރު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީން މިއަދު ބުނެފައި ވަނީ ޕްރައިމަރީން ބަލިވި އެ ޕާޓީގެ ކެންޑިޑޭޓަކު އަމިއްލަގޮތުން އިންތިހާބުގައި ވާދަ ކުރައްވާނަ ނަމަ އެ ކެންޑިޑޭޓަކާ މެދު ޕާޓީން ފިޔަވަޅު އަޅާނެ ކަމަށެވެ.
ނަމަވެސް، ސުޕްރީމް ކޯޓުން ގޮތެއް ނިންމާފައި އޮއްވާ، ގާނޫނު އަސާސީން ލިބިދޭ ހައްގެއް ހޯދުމަށް މަސައްކަތް ކޮށްގެން ޕާޓީއަށް ފިޔަވަޅު ނޭޅޭނެ ކަމަށް ޖާބިރު ވަނީ ވިދާޅުވެފަ އެވެ.
އޭނާ މިއަދު ވަނީ އެމްޑީޕީން ބޭއްވި ޕްރައިމަރީއަށްވެސް ފާޑުވިދާޅުވެފަ އެވެ. އެގޮތުން، އެމްޑީޕީގެ ޕްރައިމަރީ ބާއްވާފައި ވަނީ އެއްވެސް އިންތިޒާމަކާ ނުލައި ކަމަށާއި ޕްރައިމަރީގައި އެހެން ޕާޓީތަކުގެ މީހުން ޕާޓީއަށް ވައްދައިގެންވެސް ވޯޓުދިން ކަމަށް އޭނާ ވިދާޅުވި އެވެ.