26 Feb 2019, 19:34
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެ ކަމަށް އެމްޑީޕީގެ ކާށިދޫ ދާއިރާގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވެވަޑައިގެންނެވި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ޕްރައިމެރީގައި ވާދަކުރުމުން ބަލިވާ ފަރާތްތަކުން އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހު ބާތިލް ކުރުމަށް ޖާބިރުގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ ޕްރައިމަރީން ބަލިވި އަހްމަދު މުހައްމަދުގެ އިތުރުން ގާނޫނީ ވަކީލު އަބްދުލް މާނިއު ހުސައިން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ މައްސަލައިގައި ސުޕްރީމް ކޯޓުން އިއްޔެ ވަނީ ގޮތެއް ނިންމައިފަ އެވެ.
އެ ކޯޓުން ކަނޑައެޅީ ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކޮށް، ނާކާމިޔާބުވާ ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެވޭނެކަމަށެވެ. އަދި މަޖިލިސް އިންތިހާބަށް ވާދަ ކުރުމުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ޕްރައިމަރީން ބަލިވި ކެންޑިޑޭޓުންނަށް ފުރުސަތު ހުޅުވާލުމަށް އެ ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އެކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން ޖާބިރު މިއަދު ވިދާޅުވީ، މަޖިލިސް އިންތިހާބުގައި އަމިއްލަގޮތުން ވާދަ ކުރުމަށް އަންނަ ބުރާސްފަތި ދުވަހު އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވާނެ ކަމަށެވެ.
ޖާބިރު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީން މިއަދު ބުނެފައި ވަނީ ޕްރައިމަރީން ބަލިވި އެ ޕާޓީގެ ކެންޑިޑޭޓަކު އަމިއްލަގޮތުން އިންތިހާބުގައި ވާދަ ކުރައްވާނަމަ އެ ކެންޑިޑޭޓަކާ މެދު ޕާޓީން ފިޔަވަޅު އަޅާނެ ކަމަށެވެ.
ނަމަވެސް، ޖާބިރު ވިދާޅުވީ، ގާނޫނު އަސާސީން ލިބިދޭ ހައްގެއް ހޯދުމަށް މަސައްކަތް ކޮށްގެން ޕާޓީއަށް ފިޔަވަޅު ނޭޅޭނެ ކަމަށެވެ.
"އެމްޑީޕީން ކިހިނެއްތޯ ފިޔަވަޅު އަޅާނީ، ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ދީފައި އޮތް ހައްގެއް، ގާނުނު އަސާސީން ދީފައި އޮތް ހައްގެއް ހޯދަން މީހަކު މަސައްކަތް ކޮށްގެން ކޮން ފިޔަވަޅެއްތޯ އެމްޑީޕީއަށް އެޅެން އޮންނާނީ،"
"މަޖިލީހަށް ވާދަ ކުރަނީ ރައީސް ސޯލިހުގެ ވެރިކަން ދެމެހެއްޓުމަށް"
ޖާބިރު ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ އޮތުމަކީ ސަރުކާރަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ރައީސް ސޯލިހުގެ ވައުދުތައް ފުއްދޭނީ މެޖޯރިޓީ ލިބިގެން ކަމަށާއި އޭނާ ވެސް މަސައްކަތް ކުރައްވަނީ އެކަމަށްޓަކައި ކަމަށް ޖާބިރު ވިދާޅުވިއެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދެމެހެއްޓުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރުމަށްޓަކައި އަޅުގަނޑު މިލަނީވެސް މަޖިލީހަށް. އެކަން ވަރަށް ސާފު. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދެމެހެއްޓުމަކީ އަޅުގަަނޑު ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް. އަޅުގަނޑުގެ ވަރަށް މަސައްކަތުން ރައީސް އިބްރާހިމް ސޯލިހު ވެރިކަމަށް ވަޑައިގަތީ،"
"އަޅުގަނޑު ރައީސްގެ އެންވޯއީއެއްގެ ހައިސިއްޔަތުންވެސް މި ދަންނަވަނީ އަޅުގަނޑުމެން އެބަ ޖެހެއޭ މެޖޯރިޓީ ހޯދަން،" އޭނާ ވިދާޅުވި އެވެ.
ރައީސް ސޯލިހު ވެރިކަމަށް ގެނެސް ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް އޭނާ "މުދަލާއި ޖާނާއި މާލުން ގުރުބާން"ވާން ޖެހުނު ކަމަށްވެސް ޖާބިރު މިއަދު ވިދާޅުވި އެވެ.
ޖާބިރަކީ މީގެ ކުރިންވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ކާށިދޫ ދާއިރާގެ މެމްބަރުކަމާއި ގއ. އަތޮޅުގެ މެމްބަރުކަން ކުރައްވާފަ އެވެ. އަދި އާ ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި އޭނާ ހިމެނިވަޑައިގެންނެވި އެވެ. މިހާރު އޭނާ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެކެވެ.