26 Feb 2019, 19:08
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ރިޝްވަތުގެ ކުށެއް ނުވަތަ ކޮރަޕްޝަންގެ އަމަލުތައް ނުހިންގުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިލްތިމާސް ކޮށްފި އެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިންތިހާބުތަކާބެހޭ އާންމު ގާނޫނު ބުނާގޮތުން ކޮންމެ ކެންޑިޑޭޓަކަށް ވެސް އިންތިހާބާ ގުޅިގެން ހަރަދުކުރެވޭނެ އެންމެ މަތީ މިންވަރަކީ އެ ދާއިރާއަކަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް ދެހާސް ރުފިޔާގެ މަގުން ކަމަށްވީ ނަމަވެސް އެ ފައިސާ ހަރަދު ކުރަން ވާނީ ގާނޫނު ހުއްދަކުރާ ގޮތުގެ މަތިން ކަމަށެވެ.
"މި ފައިސާ ބޭނުން ކުރެވޭނީ ކުރިމަތިލާފައިވާ އިންތިހާބީ ދާއިރާގެ މީހުންގެ ތާއީދު ހޯދުމަށް ކުރާ މަސައްކަތްތަކަށް. ގާނޫނު ހުއްދަނުކުރާ މިނޫން ބޭނުންތަކަށާއި ވޯޓު ގަތުމަށާއި ރިޝްވަތު ދިނުން ފަދަ ކަންކަމަށް ދެންނެވުނު ފައިސާ ބޭނުންކުރުމަކީ ކަނޑައެޅިގެން ގާނޫނާ ހިލާފް ކަމެއް،" އޭސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އިންތިހާބްތަކާ ގުޅިގެން ހުށަހެޅޭ ރިޝްވަތާ ގުޅޭ މައްސަލަތައް ބަލައި ތަހުގީގްކުރުމަކީ ގާނޫނީ ގޮތުން އޭސީސީގެ މައްޗަށް ލާޒިމް ކަމެކެވެ.
މި ދުވަސްވަރަކީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ދުވަސްވަރަށްވެފައި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ނުވަތަ ކެމްޕެއިންކުރަމުންދާ ފަރާތްތަކުން ނުވަތަ އެނޫން ފަރާތްތަކުން ވެސް އިންތިހާބީ ދާއިރާއެއްގެ ވޯޓަށް އަސަރުކުރާނެފަދަ ގޮތަކަށް ކޮރަޕްޝަނުގެ އަމަލެއް ހިންގުމަކީ ގާނޫނީ ފިޔަވަޅު އެޅޭނެ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"ގާނޫނުގައި ބަޔާންކުރާފަދަ ރިޝްވަތުގެ ކުށެއް ނުވަތަ އެނޫންވެސް ކޮރަޕްޝަނުގެ އަމަލުތައް ނުހިންގުމަށް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުނަށާއި އިންތިހާބަށް ކެމްޕޭނުކުރަމުންދާ ފަރާތްތަކަށް އިލްތިމާސް ކުރަން،" ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
އިންތިހާބަށް އިއުލާނު ކުރާ ހިސާބުން ފެށިގެން ދާއިމީ ނަތީޖާ އިއުލާނު ކުރުމާ ހަމައަށް ކެންޑިޑޭޓަކު ވަކި ކަމެއް ކޮށްދޭން ބުނުމަކީ ރިޝްވަތުގެ އަމެލެއް ކަމަށް މިހާރު ގާނޫނު އޮންނަ ގޮތުން ބެލެވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވެސް ވަނީ ބުނެފަ އެވެ.
އޭޕްރީލް ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ހަތަރު ފަރާތަކާއި ގުޅޭ މައްސަލަތަކެއް އޭސީސީން ބަލަމުން އަންނަ ކަމަށް އެ ކޮމިޝަނުގެ ނައިބް ރައީސް މުއައްވިޒު ރަޝީދު ވަނީ ވިދާޅުވެފަ އެވެ.