26 Feb 2019, 19:17
އިސްލާމްއާބާދު (ފެބްރުއަރީ 26): އިންޑިއާ އާއި ޕާކިސްތާނުން ވަނީ ރޭގެ ވަގުތެއްގައި އިންޑިއާގެ ޖެޓުތަކެއް ކަޝްމީރުގައި ޕާކިސްތާނުން ވެރިކަން ކުރާ ފަޅިއަށް ވަތް ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް އިންޑިއާގެ ޖެޓުތަކިން ދިން ކަމަށް ބުނާ ހަމަލާ އާއި އެހަމަލާއިން ލިބުނު ގެއްލުމާ ބެހޭ ގޮތުން ދެގައުމުގެ މެދުގައި ވަނީ ދެބަސްވުން އުފެދިފަ އެވެ.
ޕާކިސްތާނުން ބުނާ ގޮތުގައި މިއަދުގެ ފަތިހުގެ ވަގުތެއްގައި އިންޑިއާގެ އެއާފޯސްގެ ޖެޓުތަކެއް ވަނީ ކަޝްމީރުގައި ދެ ގައުމުން ވެރިކަން ކުރާ އިން ވަކިކޮށްދޭ ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ހުރަސްކޮށްފަ އެވެ. އަދި ޕާކިސްތާނުގެ އެއާފޯސްގެ ޖެޓުތައް ހަރަކާތްތެރިވާން ފެށުމާއެކު އިންޑިއާގެ ޖެޓުތައް ވަނީ އަނބުރާ ގޮސްފަ އެވެ.
އޭގެ ކުރިން އިންޑިއާގެ ޖެޓަކުން ވައްޓާލި ގޮވާ އެއްޗެއް ވެއްޓިފައި ވަނީ ޕާކިސްތާނުގެ ސަރަހައްދުގައި އޮންނަ މީހުން ދިރިނޫޅޭ ސަރަހައްދަކަށް ކަމަށް ޕާކިސްތާން އަސްކަރިއްޔާގެ ތަރުޖަމާނު މޭޖާ ޖެނެރަލް އާސިފް ޣަފޫރު ވިދާޅުވި އެވެ. އެހެންކަމުން އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެ އެއްވެސް ތަނަކަށް ގެއްލުންވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އިންޑިއާގެ ފޮރިން މިނިސްޓްރީން ވަނީ އެގައުމުގެ ޖެޓުތަކުން ހަމަލާ އަމާޒު ކުރީ ޓެރަރިސްޓުން ތަމްރީނު ކުރާ ކޭމްޕުތަކަކަށް ކަމަށް ވިދާޅުވެފަ އެވެ. އަދި އެހަމަލާތަކުގައި ޖައިޝް މުހައްމަދު ޖަމާއަތުގެ ގިނަ އަދަދެއްގެ މެމްބަރުން މަރުވެފައިވާ ކަމަށް ބުނެފަ އެވެ.
ޖައިޝް މުހައްމަދު ޖަމާއަތަކީ މިމަހުގެ 14އިގައި ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅީގައި ވަރުގަދަ ހަމަލާއެއްދީ، އިންޑިއާގެ 40އަށް ވުރެ ގިނަ ޕެރެމިލިޓަރީ ސިފައިން މަރާލި ޖަމާއަތެވެ.