ފޯޅަވަހި ޖަޒީރާ ނުވަތަ ޗާގޯސް އާކިޕެލަގޯއަށް އިނގިރޭސިވިލާތުން ވެރިވެގަނެގެން އުޅެނީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި، އެރަށްތައް މޮރިޝަސްއާ ހަވާލު ކުރަން އދ.ގެ އެންމެ މަތީ ކޯޓުން އިނގިރޭސިވިލާތަށް އަންގައިފި އެވެ.

މޮރިޝަސްއިން ބުނާ ގޮތުގައި 18 ވަނަ ގަރުނުން ފެށިގެން ފޯޅަވައްސަކީ އެގައުމުގެ ބަޔެކެވެ. ނަމަވެސް 1965ގައި، މޮރިޝަސް އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި އޮތް އިރު އިނގިރޭސިން ވަނީ ފޯޅަވަހި މޮރިޝަސްއާ ވަކިކޮށްފަ އެވެ. އަދި އިނގިރޭސިން ވަނީ ފޯޅަވައްސަކީ އިންޑިއާ ކަނޑުގައި އޮންނަ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީގެ ބަޔެއް ކަމަށް ބުނެފަ އެވެ.

އަދި 1971ގައި އިނގިރޭސިވިލާތުން ވަނީ ފޯޅަވަހީގެ އެންމެ ބޮޑު ރަށް ކަމަށްވާ ޑިއޭގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ ބޭނުމަށް ދިނުމަށްޓަކައި، ފޯޅަވަހީގެ ރައްޔިތުން އެރަށްތަކުން ބާލައިފަ އެވެ.

އައިސީޖޭ އިން ނެރުނު އެންގުމުގައިވާ ގޮތުން މޮރިޝަސްއަށް މިނިވަންކަން ލިބުމުގެ ކުރިން، އެ ގައުމުގެ ބަޔެއްގެ ގޮތުގައި އޮތް ފޯޅަވަހި މޮރިޝަސްއާ ވަކިކުރީ ގާނޫނާ ހިލާފަށެވެ. އެހެންކަމުން މޮރިޝަސް އިނގިރޭސި އިސްތިއުމާރުން އެއްކޮށް މިނިވަން ކުރުމަށް ޓަކައި އެގައުމުން ފޯޅަވަހީގެ ކޮންޓްރޯލް ދޫކޮށްލަން ޖެހެ އެވެ.

އައިސީޖޭގެ އަމުރު ތަންފީޒު ކުރުމުގެ ބާރެއް އެކޯޓަށް ލިބިފައި ނުވެ އެވެ. ނަމަވެސް ބައިނަލްއަގުވާމީ ކޯޓުގެ އެނިންމުމަކީ އިނގިރޭސިވިލާތަށް ލިބުނު ބޮޑު ނާކާމިޔާބީއެކެވެ. އަދި އައިސީޖޭގެ އެނިންމުމާ ބެހޭ ގޮތުން އދ.ގެ އާއްމު މަޖިލީހުން ދެން ބަހުސް ކުރާނެ އެވެ. އޭގެ ތެރޭގައި ފޯޅަވަހީގެ ރައްޔިތުންނަށް އެރަށްތަކަށް އަނބުރާ ދިޔުމުގެ ހުއްދަ ދިނުމާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރާނެ އެވެ.

ފޯޅަވަހިން ބޭލި ގިނަ މީހުން ބަދަލުކޮށްފައި ވަނީ މޮރިޝަސް އާއި ސީޝެލްސްއަށާއި އިނގިރޭސިވިލާތަށެވެ.

އިނގިރޭސިވިލާތުން ވަނީ ފޯޅަވަހީގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ބިނާ ކުރުމަށް ފޯޅަވަހީގެ ރައްޔިތުން އެރަށްތަކުން ބާލާފަ -- ފޮޓޯ: ޕީއޭ

އައިސީޖޭގެ އެނިންމުމާ ގުޅިގެން އިނގިރޭސި ސަރުކާރުން ވަނީ އެގައުމުގެ ދިފާއުގައި ވާހަކަ ދައްކާފަ އެވެ. އަދި ބްރިޓިޝް އިންޑިއަން ޓެރިޓަރީގައި ހުރި ދިފާއީ ވަސީލަތްތަކަކީ އިނގިރޭސިންނާއި ދުނިޔޭގެ އެހެން ގައުމުތަކުގައި ތިބި ރައްޔިތުން ޓެރަރިސްޓު ހަމަލާތަކާއި ކަނޑުފޭރުމާއި އެހެނިހެން ކުށްތަކުން ރައްކާތެރި ކުރުމަށް މުހިއްމު ވަސީލަތްތައް ކަމަށް ބުނެފަ އެވެ.