11 Oct 2011, 14:19
އިންޑިޔާ ކަނޑުގައި ގާއިމްކޮށްފައިވާ ސުނާމީ އާލީ ވޯނިން ސިސްޓަމް (ސުނާމީއަށް އިންޒާރުދޭ ނިޒާމް) ޓެސްޓް ކުރަން 20 ގައުމެއް ގުޅިގެން މާދަމާ ފުލް ސްކޭލް އެކްސެސައިޒެއް ބާއްވަން ހަމަޖައްސާފައި ކަމަށް ސިންގަޕޫރުގެ ސައިންސް މަޖައްލާއެއް ކަމަށްވާ " އޭޝިއަން ސައިންޓިސްޓް" އިން ބުނެފިއެވެ.
"އައިއޯވޭވް11" ގެ ނަމުގައި ބާއްވާ އެ ފަރިތަކުރުމުގައި ބައިވެރިވުމަށް މިހާތަނަށް އެއްބަސްވެފައިވާ ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިޔާ އާއި ބަންގުލަދޭޝް އާއި ކޮމޯރޯސް އާއި ފްރާންސް އާއި އިންޑިޔާ އާއި އިންޑޮނޭޝިޔާ އާއި އީރާނާއި ކެންޔާ އާއި މަޑަގަސްކަރަ އާއި މެލޭޝިޔާ އާއި މޮރިޝަސް އާއި މޮޒަމްބީކާއި މިޔަންމާ އާއި އޮމާން އާއި ޕާކިސްތާނާއި ސީޝެލްސް އާއި ސިންގަޕޫރާއި ސްރީލަންކާ އާއި ޓެންޒޭނިއާ އާއި ޓީމޯރް ލެސްޓޭ އާއި ތައިލެންޑް އަދި ދިވެހިރާއްޖެ ހިމެނެއެވެ.
މި ފަރިތަކުރުމުގައި ރާއްޖެއިން ބައިވެރިވާ ކަމަށް އޭޝިއަން ސައިންޓިސްޓް އިން ބުނި ނަމަވެސް ރާއްޖެއިން ބައިވެރިވާކަން ނުވަތަ ނޫންކަން ވެސް ރާއްޖޭގެ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ސާފުވާ ގޮތެއް ނުވި އެވެ.
މާދަމާ ފަރިތަކުރުންތައް ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ ޔުނެސްކޯގެ އިންޓަގަވަމެންޓަލް އޯޝަނޮގްރަފިކް ކޮމިޝަންގެ އެހީތެރިކަމާ އެކުއެވެ.
އޭޝިއަން ސައިންޓިސްޓްގައިވާ ގޮތުން ފަރިތަކުރުމުގައި 2004 ވަނަ އަހަރު އިންޑިޔާ ކަނޑުގެ ގައުމުތަކަށް އެރި ފަދަ ބާރުގަދަ ސުނާމީއެއް އައުމުން އެކަމުގެ މައުލޫމާތު ބަދަލުކުރުމާއި ކަމާގުޅޭ ފަރާތްތައް ހަރަކާތްތެރިވާނެ ގޮތުގެ ތަސައްވުރެ އުފައްދާނެ އެވެ. އަދި ސުނާމީއާބެހޭ އިރުޝާދުތައް ދިނުމަށް އުފައްދާފައިވާ އާ ރީޖަނަލް ސުނާމީ އެޑްވައިޒަރީ ޓެސްޓް ކުރުން ވެސް މިފަރިތަކުރުމުގެ ތެރޭގައި ހިމެނެ އެވެ.